ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ ޓީ20 ވޯލްޑްކަޕް އޭޝިއަން ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މިއަދު ފުރައިފިއެވެ.

މިއަދު ހެނދުނު ފުރި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކޮލިފައިންގައި ބައްދަލުކުރާނެ ގައުމުތަކަކީ ބަހްރެއިން އާއި ކުވެއިތުގެ އިތުރުން ގަތަރާއި ސައުދީ އަރަބިއްޔާއެވެ. މި ޒޯނުގެ ކޮލިފައިން މެޗުތައް ތާވަލުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ބައްދަލުކުރާނީ ސައުދީ އަރަބިއްޔާއާއެވެ. ދެ ވަނަ މެޗުގައި 24 ވަނަ ދުވަހު ގަތަރާ ބައްދަލުކުރާއިރު ތިންވަަނަ މެޗުގައި މި މަހު 27 ވަނަ ދުވަހު ބައްދަލުކުރާނީ ބަހްރެއިން އާއެވެ. އަދި 28 ވަނަ ދުވަހު ބައްދަލުކުރާނީ ފަހު މެޗުގައި ކުވެއިތު އާއެވެ.

މި ކޮލިފައިން މެޗުތަކަށް ގައުމީ ޓީމު ފުރިއިރު، އެންމެފަހުން ގައުމީ ޓީމު ބައިނަލްއަޤްވާމީ ކްރިކެޓް މުބާރާތެއްގައި ވާދަކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އެންމެފަހުން 2019 ގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނީ ސައުތް އޭޝިއަން ގޭމްސްގައެވެ. އޭގެފަހުން ކޮވިޑުގެ ހާލަތު ގޯސްވުމުން ޓީމުގެ ހަރަކާތްތަކަށް ބޮޑު މަޑުޖެހުމެއް އައެވެ.

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް ވިދާޅުވީ މީގެ ކުރިންވެސް ކްރިކެޓް ބޯޑުން ދެމުން އަންނަ ބޯނަސްތައް ކުޅުންތެރިންނަށް އަލުން ދިނުމަށް ނިންމާފައިވާ ކަން އިއުލާނުކޮށްފައެެވެ. އެގޮތުން ކުޅުންތެރިން މޮޅުވުމަށް ދޭ ހިތްވަރެއްގެ ގޮތުން ކޮލިފައިންގައި މޮޅުވާ ކޮންމެ މެޗަކަށް 20،000 ރުފިޔާ ދިނުމަށް އެ ބޯޑުން ވަނީ ނިންމާފައެވެ.

އެކި ގޮންޖެހުންތަކާއި އެކު ގައުމީ ކްރިކެޓް ޓީމު މި މުބާރާތަށް ތައްޔާރުވާން ފަށާފައިވަނީ މީގެ 18 މަސްދުވަސް ކުރިންނެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ޓީމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous
      ރާއްޖެއަށް އަބަދުވެސް އޮންނާނީ ދަޢުލަތުން ބޮޑު ޚަރަދުކޮށްގެން މުބާރާތްތަކުގައި ބައިވެރިވުން. އަދި ޤައުމީ ރެކޯރޑު އާކުރުން. އެއްވެސް މުބާރާތަކުން ކާމިޔާބު ހޯދުމަކީ އަދި ކާމިޔާބެއް ހޯދުމަށް މަސައްކަތްކުރުމަކީ އޮތްކަމެއްނޫން.