ސްޕެއިންގެ ބާސެލޯނާއިން ބްރެޒިލްގެ ޒުވާން މިޑްފީލްޑަރ ވިލިއަން ބޯގެސް ދި ސިލްވާ ގެނައުމަށް ހުށައެޅި 50 މިލިއަން ޔޫރޯ އޭނާގެ މިހާރުގެ ކުލަބު ޗެލްސީއިން ބަލައިގަނެފައި ނުވާ ކަމަށް ސްކައި ސްޕޯޓްސްއިން ބުނެފިއެވެ.

ވިލިއަން ބާސެލޯނާއަށް ގެންނަން އުޅޭ ކަމުގެ އަަޑުތައް ފެތުރިފައިވާއިރު ސްޕެއިންގެ ބައެއް ނޫސްތަކުން ވިލިއަން ބާސާއަށް ގެންނަނީ 80 މިލިއަން ޔޫރޯއަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އެގޮތުން މުންޑޯ ޑިޕޯވޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިލިއަން ބާސެލޯނާއާއި ގުޅެނީ 80 މިލިއަން ޔޫރޯއަށް ކަމަށާއި އެއީ ވިލިއަންގެ މިހާރުގެ ކުލަބު ޗެލްސީއިން  ޑިމާންޑް ކުރާ ވަރުކަމަށްވެސް ޑިޕޯވޯއިން ބުނެއެވެ.

އަދި ބާސެލޯނާއަށް ބަދަލުވުމަށް ވިލިއަން ތައްޔާރަށް ހުރި ކަމުގެ އަޑުތަށް ފެތުރިފައިވާއިރު އޭނާ ބާސެލޯނާއަށް ބަދަލުވެއްޖެ ނަމަ 2020 ވަނަ އަހަރު އަންނަން ދެން ބާސެލޯނާގައި މަޑު ކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސްޕެއިންގެ ބާސެލޯނާއިން  ވިލިއަންއަށް ހުށައެޅި އަގަށް ޗެލްސީއިން ގަބޫލު ނުވެފައިވާއިރު ވިލިއަން މެންޗެސްޓާ ޔުނައިޓެޑަށް ދާން އުޅޭ ކަމުގެ އަޑުތައްވެސް މިހާރު ވަނީ ފެތުރިފައެވެ.

އުމުރުން 29 އަހަރުގެ ވިލިއަން އަކީ އެޓޭކިންގް މިޑްފީލްޑަރެއްގެ މަގާމަށްވެސް ކުޅެމުން އަންނަ ކުޅުންތެރިއެވެ.

2013 ވަނަ އަހަރު 30  މިލިއަން ޔޫރޯއަށް އިނގިރޭސިވިލާތުގެ ޗެލްސީއަށް ބަދަލުވުމަށްފަހު ވިލިއަން ވަނީ ޗެލްސީއާއި އެކު ޕްރިމިއާ ލީގާއި ލީގު ކަޕް ހޯދާފައެވެ.

ބްރެޒިލްއާއި އެކު 2014 ގެ ވޯލްޑްކަޕް އަދި 2015 ގެ ކޮޕަ އެމެރިކާވެސް ކުޅެދީފައިވާ ވިލިއަން އަކީ މިއަހަރުގެ ވޯލްޑްކަޕްގައިވެސް ބްރެޒިލް އާއި އެކު ރަނގަޅު ކުޅުމެއް  ދައްކަމުން އަންނަ ކުޅުންތެރިއެވެ.

2006 ވަނަ އަހަރު ކޮރެންތިއަންސް އިން ކެރިއަރުފެށި ވިލިއަން ވަނީ ޝަކްތާރު އަންޒީ ފަދަ ކުލަބުތަކަށް މީގެ ކުރިން ކުޅެދީފައެވެ.

ވިލިއަންގެ ކުލަބު ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް 515 މެޗު ކުޅެދީފައިވާއިރު އޭނާ ވަނީ 84 ގޯލު ކާމިޔާބުކޮށްފައެވެ. ވިލިއަން ވަނީ ބްރެޒިލްއަށް ކުޅެދިން 61 މެޗުގައި 8 ގޯލު ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު