ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބްރެޒިލް އާއި ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާން ފެވަރިޓުންނަކީ ބްރެޒިލް ކަމަށްވީ ނަމަވެސް، ބެލްޖިއަމްގެ ކުޅުންތެރިން އުފަންވީ އެފަދަ ބޮޑެތި މެޗުތައް ކުޅެން ކަމަށް ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ބްރެޒިލް ކުއާޓާ ފައިނަލަށް ގޮސްފައި ވަނީ ވަރުގަދަ ގަރުމަނު ބަލި ކުރި މެކްސިކޯ އަތުން 2-0 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ. ބެލްޖިއަމް ކުއާޓާއަށް ދަތުރު ކުރީ ފޯރިގަދަ މެޗެއްގައި، ޖަޕާނު ދެ ގޯލު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން ދަނީ މި ދެ ޓީމުންނެވެ.

ކުއާޓާގައި ބްރެޒިލް އާާއި ދެކޮޅަށް ނުކުންނަން ޖެހޭ މެޗާއި ބެހޭގޮޮތުން މިއަދު ނޫސްވެރިންނާއި ވާާހަކަ ދައްކަމުން މާޓިނޭޒް ބުނީ ދެ ޓީމަކީ ވެސް ގޯލުތައް ޖަހައި މެޗުތައް މޮޅުވާން އުފައްދާފައިވާ ވަރުގަދަ ދެ ޓީމު ކަމަށެވެ. އަދި އެ މެޗުަގައި މުހިންމުވާނީ ބޯޅަ ގިނަ އިރު ގެންގުޅުން ނޫން ކަމަށާއި، ބޯޅަ އަތުގައިި އޮންނަ އިރު ކުރާ ކަންތައްތައް ކަމަށެވެ. އަދި ބްރެޒިލް އަކީ ފެވަރިޓުންކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.

"މިއީ އަހަރެމެންގެ ކުޅުންތެރިންނަށް ހުވަފެނުން ފެންނަ ފަދަ މެޗެއް، ބެލްޖިއަމްގެ ކުޅުންތެރިން އުފަންވީ މިފަދަ މެޗު ކުޅެން. ޔަގީނުންވެސް އަހަރެމެން ބޭނުންވޭ މޮޅުވާން، އެކަމަކު އަހަރެމެން މޮޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރޭ، އެއީ ވަރަށް މުހިންމު ފަރަގެއް." މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް އިތުރަށް ބުނީ ބްރެޒިލް ފަދަ ޓީމަކާ އެއްކޮށް 11 ކުޅުންތެރިން ބޭނުން ކޮށްގެން ޑިފެންޑު ކުރަން ޖެހޭނެ ކަމަށާއި އަދި ހަމަ އެގޮތައް 11 ކުޅުންތެރިންނާއެކު އެޓޭކަށް ވެސް ނުކުންނަން ޖެހޭނެ ކަމަށެވެ. މެޗުގައި ޖެހޭނީ ކުރެވުނު އެންމެ މޮޅަކަށް ޑިފެންޑު ކުރަން ކަމަށާއި އަދި ބޯޅަ ލިބޭ ވަގުތުގައި ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަން ކަމަށް އޭނާ ބުންޏެވެ. އަދި އެކަން ކުރަން ބެލްޖިއަމް އޮތީ ތައްޔާރަށް ކަމަށް މާޓިނޭޒް ބުންޏެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައި ބެލްޖިއަމަށް ދެވިފައި ވަނީ ކުއާޓާ ފައިނަލާ ހަމައަށެވެ. އެފަހަރު އެ ޓީމު ބަލިވީ އާޖެންޓީނާ އަތުންނެވެ. ބެލްޖިއަމް އެންމެ ފަހުން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދިޔައީ މީގެ 32 އަހަރު ކުރިން މެކްސިކޯގައި އޮތް ވޯލްޑް ކަޕުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    ބެލްޖިއަމް އެންމެ ފަހުން ކްއާޓަރ ފައިނަލަށް ދިޔައީ މީގެ 32 އަހަރު ކުރިން މެކްސިކޯގައި އޮތް ވޯޑްކަޕްގަޔޯ. އެކަމަކު 2014 ވަނައަހަރު ބްރެޒިލްގައި އޮތް ވޯލްޑްކަޕުގައި ބެލްޖިއަމަށް ދެވިފައިވަނީވެސް ކްއާޓަރ ފައިނަލާ ހަމަޔަށޯ. ކީކޭބާ މިކިޔަނީ؟

    • ނުބުނާނަން

      ވާއެއްޗެއް ނުވާއެއްޗެއް، ލިޔެވޭއެއްޗެއް ނުލިޔެވޭއެއްޗެއް ނޭނގޭ.... ބޯހަލާކު!