ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި އިނގިރޭސި ކުލަބް ލިވަޕޫލުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

އެތްލެޓިކޯ މެޑްރިޑްގެ ރަސްމީ ދަނޑުކަމަށްވާ ވަންޑާ މެޓްރޮޕޮލިޓާނޯ ގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު އެތްލެޓިކޯ މެޑްރިޑުން ނިންމާލީ ދިހަ ކުޅުންތެރިންނާއެކު އެވެ. އެ ޓީމުން މަދުވި ކުޅުންތެރިއަކީ މި މެޗުގައި އެތުލެޓިކޯގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިން އެންޓޮއިން ގްރިޒްމަން އެވެ. އޭނާއަށް ވަނީ ދެވަނަ ހާފުގައި ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރަތްކާޑު ދައްކާފައެވެ.

ލިވަޕޫލުން މި މެޗު ވަރުގަދަކޮށް ފެށުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އެ ޓީމުން މި މެޗުގައި ލީޑުނެގިއެވެ. ފުރަތަމަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި މި ލަނޑު އެންޑްރޫ ރޮބަޓްސަންގެ އެހީއާއެކު ކާމިޔާބުކޮށްދިނީ މިސްރުގެ ތަރި މުހައްމަދު ސަލާހެވެ.

ސަލާހް ކާމިޔާބުކޮށްދިން މި ލަނޑާއެކު އޭނާ ވަނީ ލިވަޕޫލްގެ ރެކޯޑެއް ހަދާފައެވެ. އޭނާ ވަނީ މި ލަނޑާއެކު ކުލަބުގެ ތާރީހުގައި ޖެހިޖެހިގެން ނުވަ މެޗުގައި އެ ޓީމަށް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާ އެވެ. މިއީ އެތުލެޓިކޯ މެޑްރިޑުގެ ޑިފެންޑަރު ފިލިޕޭ ހެދި ގޯހަކުން ގެއްލުވާލި ބޯޅައެއްގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ކާމިިޔާބުކުރި ލަނޑެކެވެ.

އެތްލެޓިކޯ އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން

ލިވަޕޫލުން ދެ ލަނޑުގެ ލީޑެެެއް ހޯދިތާ ހަތް މިނެޓުފަހުުން އެތްލެޓިކޯ މެޑްރިޑުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.

މިއީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި ގްރިޒްމަން ފައި ޖައްސާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އޭގެފަހުން އެތްލެޓިކޯ އިން ނަތީޖާ ހަމަހަމަކުރި ލަނޑު ކާމިޔާބުކޮށްފައި ވަނީ 34 ވަނަ މިނެޓުގައެވެ. މިއީ ވަރަށް ރީތިކޮށް ލިވަޕޫލްގެ ޑިފެންސްލައިން ފޫއަޅުވާލުމަށް ފަހު ގްރިޒްމަން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު އެއްވަރެއްގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި މި މެޗުގައި އެތްލެޓިކޯގެ ދެ ލަނޑު ޖެހި އެންޓޮއިން ގްރިޒްމަން ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ރެފްރީ ރަތްކާޑެއް ދެއްކިއެވެ. މިއީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ރޮބާޓޯ ފިރްމީނޯގެ ބޮލުގައި ފައިން ޖެހުމުން ދެއްކި ރަތްކާޑެކެވެ.

ގްރިޒްމަން އަށް ރަތްކާޑު ދައްކަނީ

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދަނިކޮށް ލިވަޕޫލުން މި މެޗުން މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ޑިއޮގ ޖޯޓާ އަށް އެތްލެޓިކޯ މެޑްރިޑުގެ ޑިފެންޑަރ މާރިއޯ ހާމޮސޯ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. ސަލާހް ވަނީ މި ޕެނަލްޓީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

އެއަށްފަހު އެތްލެޓިކޯ މެޑްރިޑަށް ވެސް ޕެނަލްޓީއެއް ނުލިބި ދިޔައީ ކިރިޔާއެވެ. އެތްލެޓިކޯގެ އޭރިއާ ތެރެއިން ޖޮޓާ ފައުލުކުރި ކަމަށް ނިންމާ ފުރަތަމަ ޕެނަލްޓީ ދިން ނަމަވެސް ރެފްރީ ވަނީ ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަަހު އެއީ ޑައިވްއެއް ކަމަށް ނިންމާފައެވެ.

މި ގްރޫޕުގައި މިރޭ ވަނީ އެހެން މެޗެއްވެސް ކުޅެފައެވެ. އެފްސީ ޕޯޓޯ އާއި އޭސީ މިލާން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ޕޯޓޯ އެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އަދި ތިންވަނނައިގައި އެފްސީ ޕޯޓޯ އޮތްއިރު އެތްލެޓިކޯއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތާވަލުގެ ފުލުގައި އޮތް އޭސީ މިލާނަށް އަދި އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.