އެތްލެޓިކޯ ބަލިވި މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާއި ސަލާން ނުކޮށް އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ދަނޑުން ފިލީ ބަލިވުމުން އޭގެ ޖަޒްބާތުގައި ޖެހިގެންކަމަށް ގަބޫލުކުރާ ކަމަށް ލިވަޕޫލް ކޯޗު ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 3-2 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެގެންނެވެ. މި މެޗުގައި ސިމިއޯނީ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ރެފްރީގެ ނިންމުންތަކާއި ގުޅިގެންކަމަށް ބެލެވެއެވެ.

އެއީ މެޗު ނިމެން ގާތްވެފައިވަނިކޮށް އެތްލެޓިކޯގެ އޭރިއާ ތެރެއިން ޖޮޓާ ފައުލުކުރި ކަމަށް ނިންމާ ފުރަތަމަ ޕެނަލްޓީ ދިން ނަމަވެސް ރެފްރީ ވަނީ ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަަހު އެއީ ޑައިވްއެއް ކަމަށް ނިންމާފައެވެ. އެއާއެކު ސިމިއޯނީ ވަރަށް ބޮޑަށް ރުޅިގަދަވެގެން އުޅުނެވެ.

މެޗަށްފަހު އެކަމާއި ގުޅޭގޮތުން ލިވަޕޫލްގެ ކޯޗާއި ސުވާލުކުރުމުން އޭނާ ބުނީ ސިމިއޯނީގެ މި އަހުލާގުގެ ސަބަބުން ހިތާމަކުރާ ކަމަށާއި ނަމަވެސް އެއީ ފަހުން ރަނގަޅުވާނެ ކަމެއްކަމަށް ގަބޫލުކުރާ ކަމަށެވެ.

"ހާލަތު ސާފު، އަހަރެން ބޭނުންވީ އޭނާއާ ސަލާންކުރަން، އޭނަ އެކަން ކުރަން ބޭނުންނުވީ. އަހަރެމެން ދެ މީހުންނަކީ ވެސް އިމޯޝަނަލް ދެ މީހުން، އެހެންވެ ދެން އަންނަ ފަހަރަކު އެކަކު އަނެކަކާ ސަލާމްކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް، އެއީ ރުޅިއައިސްގެން ކުރި ކަމެއް ނޫން" ސިމިއޯނީ ދިފާއުކުރަމުން ލިވަޕޫލުގެ ކޯޗު ބީޓީ ސްޕޯޓް އާ ވާހަކަދައްކަމުން ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވި މެޗުގެ ރެފްރީގެ ފަހު ކަށިގަނޑާއި އެކު އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ވަނީ ސަލާންނުކޮށް ދަނޑުގެ ޗޭންޖިން ރޫމަށް ގޮސްފައެވެ. އެ ދިޔަ މަގުމަތީގައި ވަރަށް އަޑުހަރުކޮށް އޭނާގެ ރުޅިވެރި ޝުއޫރުތައް ދިޔައީ ފާޅުކުރަމުންނެވެ.

އެތްލެޓިކޯ ބަލިވި ނަމަވެސް އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގެ ދެވަނައިގައެވެ. އެއީ ތިންވަނައިގައި އޮތް ޕޯޓޯއާއި ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ފައިދާ ލަނޑުގެ ތަފާތުންނެވެ. އެއްވަނައިގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ އޮތީ ލިވަޕޫލެވެ.