އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފައިނަލް ބުރުގެ މެޗުތައް ރައުންޑް ރޮބިން އުސޫލަށް ބަދަލުކޮށް އެއް ގައުމެއްގައި ސެންޓްރަަލައިޒްކޮށް ކުރިޔަށްގެންދަން އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ނިންމައިފިއެވެ.

މި މުބާރާތް މީގެކުރިން ކުޅެމުންއައީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ޓީމުތަކުން ގިނަ ދަތުރުތަކެއް ކުރަންޖެހޭތީ މި ނިންމުން ބަދަލުކުރީ އޭއެފްސީގެ އެގްޒެގެޓިވް ކޮމެޓީގެ ބައްދަލުވުމުގައެވެ.

ސެންޓްރަލައިޒް ކުރުމާއި އެކު ކުރިން ހޯމް އެންޑް އަވޭ ކުޅޭއިރު ލިބޭ ހަ މެޗުގެ ބަދަލުގައި ދެން ލިބޭނީ ތިން މެޗެވެ. މެޗުތަކުގެ އަދަދު މަދުވި ނަމަވެސް މިއީ މިވަގުތަށް އެންމެ ރަނގަޅު ގޮތްކަމުގައި އޭއެފްސީން ދެކެއެވެ.

ރާއްޖެ ހިމެނޭ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ ތިންވަނަ ބުރުގެ ގުރުނަގާއިރު ޖުމްލަ ހަތަރު ޕޮޓަކަށް ޓީމުތައް ވަނީ ބަހާފައެވެ. މި ޕޮޓުތައް ބަހާފައިވަނީ އެ ގައުމެއް ފީފާ ރޭންކިންގައި ހޯދާފައިވާ މަގާމުތަކަށް ބެލުމަށްފަހު ހަތަރު ޕޮޓަށް ގިންތިކުރުމަށް ފަހުގައެވެ. މި ކޮލިފައިންގެ ގުރުނެގުން މާދަމާ ބާއްވާނެކަމުގެ މައުލޫމާތު ލިބެއެވެ

އޭއެފްސީ އޭޝިއަން ކަޕ ކޮލިފައިން ފައިނަލް ރައުންޑް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކުރުމަށް ބައިވެރިވާ ހުރިހާ މެމްބަރު އެސޯސިއޭޝަންތަކަށް ބީލަމުގެ މަރުހަލާ ކަނޑައެޅިފައިވާ ވަގުތުގައި އޭއެފްސީން ހުޅުވާލުމާއެކު، ފީފާގެ މެޗު ކުޅޭ ދުވަސްތައް ބެލުމަށްފަހު ޖޫން 8، 11 އަދި 14 ގައި ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ.

2021 ވަނަ އަހަރު ސެންޓްރަލައިޒްޑް ކޮށް އޭއެފްސީގެ ހުރިހާ މުބާރާތްތަކެއް ބާއްވާއިރު މި މުބާރާތްތަކުގެ ބިޑިން ޕްރޮސެސްގައި ސިއްހީ އަދި ރައްކާތެރިކަމުގެ އެންމެ މަތީ ޕްރޮޓޮކޯލްތަކާއި މިންގަނޑުތަކަށް ތަބާވުމަށް ގިނަ ޝަރުތުތަކެއް ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ބައިވެރިވާ ހުރިހާ ޓީމަކަށް ވެސް އެންމެ ކުޑަމިނުން ދަތުރުފަތުރާއި ކަރަންޓީން ގައި ބޭތިއްބުމާއި، ހޯސްޓް ކުރާ ގައުމަކަށް ފްލައިޓް ކަނެކްޝަން ގެ ފަސޭހަކަމާއި، ހޯސްޓް ކުރާ ގައުމެއްގެ މެޑިކަލް ހާލަތާއި، މެޗުތައް އިންތިޒާމު ކުރުމަށް އެކަށީގެންވާ ތަންތަން ތޯ ބަލާނެއެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ.