ޒުވާނުންގެ ދުވަހާއި ދިމާކޮށް އައްޑޫސިޓީ ހިތަދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމުކޮށްގެން ހަތަރު ކުޅިވަރު ހިމެނޭ ބޮޑު ކުޅިވަރުގެ އީދެއް ބާއްވަން ނިންމައިފިއެވެ.

ފެސްޓިވަލެއްގެ ގޮތުގައި ބާއްވާ މި ކުޅިވަރުގެ އީދުގައި ކުރިޔަށްގެންދަން ނިންމާފައިވާ ހަތަރު ކުޅިވަރަކީ ފައިވް އޮން ފައިވް ސްޓްރީޓް ސޮކާ މުބާރާތަކާއި 8 ބޯލް ޕޫލް ބިލިއާޑް މުބާރާތެއްގެ އިތުރުން ފުސްބޯލް އަދި ބެޑްމިންޓަން ޓީމު އިވެންޓު މުބާރާތެކެވެ.

މި ފެސްޓިވަލް ކުރިޔަށްގެންދަން ނިންމާފައިވަނީ އޮކްޓޯބަރު 22 ވާ ހުކުރު ދުވަހުން ފެށިގެންނެވެ. އެގޮތުން ހުކުރުދުވަހުގެ ހަވީރުން ފެށިގެން މި ފެސްޓިވަލްގެ ކުޅިވަރު ހަރަކާތްތައް ކުރިޔަށްދާނެ އެވެ. ފެސްޓިވަލުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު މިހާރު ހިތަދޫ ކޮމިއުނިޓީ ސެންޓަރުން ލިބޭއިރު ބައިވެރިވުމުގެ އެންމެ ފަހު ސުން ގަޑިއަކީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ފައިވް އޮން ފައިވް ސްޓްރީޓް ސޮކާގައި ބައިވެރިކުރުމަށް ނިންމާފައިވަނީ ޖުމްލަ 16 ޓީމުކަމަށް މުބާރާތް އިންތިޒާމުކުރާ ހިތަދޫ ކޮމިއުނިޓީ ސެންޓަރުން މައުލޫމާތުދެއެވެ.

މި ހަަތަރު ކުޅިވަރަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ މުބާރާތުގައި ޗެމްޕިއަން ޓީމަށް 3500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް އަށް 1500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އައްޑޫސިޓީގައި މީގެކުރިންވެސް ވަނީ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމުކޮށްގެން ކުޅިވަރުގެ އެކި ހަރަކާތްތައް އިންތިޒާމުކޮށްފައެވެ. މި ހަރަކާތްތައް އިންތިޒާމުކުރުމުގެ މައިގަނޑު މަގްސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް އަމާން ހިތްފަސޭހަ އައްޑޫސިޓީއަކަށް ހެދުމުގެ މަގުސަދުގައެވެ. އަދި ވީހާވެސް ގިނަ ޒުވާނުންނަށް ކުޅިވަރުތަކުން ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސީ

    ޒުވާނުންނަކީ ހަމައެކަނި ކުޅިވަރުކުޅެން ތިބޭ ބައެއްބާ! ކުޅިވަރު ނުކުޅޭ ޒުވާނުންނަށް ޒުވާނުންގެ ދުވަހުގައި އެއްވެސް ކަމެއް ނެތްތަ؟