ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށްފަހު ނޭޕާލްގެ ކޯޗުކަމުން އިސްތިއުފާދޭނެ ކަމަށް ބުނުމަށްފަހު އަބްދުﷲ އަލްމުތައިރީ ނިންމުން ބަދަލުކޮށް އިތުރު އެއް އަހަރު ނޭޕާލްގެ ކޯޗުކަމުގައި ހުންނަން ނިންމާ އެއްބަސްވުން އާކޮށްފިއެވެ.

ނޭޕާލްގެ ކޯޗުކަމުން އަލް މުތައިރީ އިސްތިއުފާދޭނެކަން ހާމަކުރީ އޭރު ގިނަބަޔަކު އޭނާއަށް މީސްމީޑިއާ އަދި މީޑީއާތަކުގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ކަމަށް ބުނެއެވެ.

ނަމަވެސް ނޭޕާލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލަށް ދެވުމާއި އެކު ގިނަބަޔަކު ވަނީ އޭނާގެ މަސައްކަތަށް ތައުރީފުކޮށް ވާޙަކަދައްކާފައެވެ. އޭރުވެސް ނޭޕާލުގެ ފުޓުބޯޅައިގެ މައި އިދާރާ އޯލް ނޭޕާލް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ކޯޗުގެ އެއްބަސްވުން އާކުރަން މަޝްވަރާކުރާނެކަމަށް އެ ގައުމުގެ މީޑިއާތަކުގައި ބުނެފައެވެ.

"ވަގުތު" އަށް މައުލޫމާތުދިން ނޭޕާލްގެ ނޫސްވެރިއަކު ބުނީ މިއަދު ނޭޕާލްގެ ފުޓުބޯޅަ ފެޑެރޭޝަނުގައި ކޯޗު އަލްމުތައިރީ އާއެކު ބޭއްވި ބައްދަލުވުމުގައި ކޯޗު އިތުރު އެއް އަހަރު މަޑުކުރާނެކަން ނިންމާފަައިވާ ކަމަށެވެ. އަދި އެއީ ބޮޑު މުސާރައަކާއި އެކު ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ އަގެއް ފެޑެެރޭޝަނުން ހާމައެއްނުކުރެ އެވެ.

ނޭޕާލް ކޯޗުކަމުގެ މަގާމާއި ކުވެއިތުގެ އަލްމުތައިރީ ހަވާލުވީ މީގެ ހަތްވަރަކަށް މަސްކުރިންނެވެ. ކޮލިފައިންގެ މެޗުތަކަށް އޭނާ ހަވާލުވިއިރު ނޭޕާލްގެ ނަތީޖާތައް ދަށްވުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް އޭރުވެސް އޭނާ ބުނަމުންދިޔައީ ނޭޕާލް ދުނިޔޭގެ ފެންވަރުގެ ޓީމަކަށް ވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ދެވަނަ ނޭޕާލް ފުރަތަމަ ފަހަރަށް ހޯދުމާއި އެކު އެ ގައުމުން ވަނީ އުފާފާޅުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އަދި ފައިސާގެ ބޮޑެތި އިނާމުތަކެއްވެސް ހުށައަޅާފައިވެއެވެ.

މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން ނޭޕާލް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މީގެކުރިން ބޭއްވި ސާފް ޗެމްޕިއަންޝިޕް ތަކުގައި ނޭޕާލަށް އެންމެ ދުރަށްވެސް ދަތުރުކުރެވުނީ މުބާރާތުގެ ސެމީފައިނަލާއި ހިސާބަށެވެ.

ކޯޗު އެއްބަސްވުން އާކުރުމާއި އެކު ކުރިޔަށްއޮތް އޭޝިއަން ކަޕް ކޮލިފައިންއަށް ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ނޭޕާލް ފެޑެރޭޝަނުން ބުނެއެވެ. އަދި މިވަގުތު ކޯޗަށް އާއިލީ ޗުއްޓީއެއް ދީފައިވާ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާރަބި

    ޢަރަބިންދޯ. ޙުސް ދެއްކުންތެރިކަން ގިނަވާނީ

    4
    9
  2. ޖުއްބާ

    ދިވެހިން މީނަދެކެ ރުޅިއަންނަނީ ދިވެހިންގެ އަމިއްލަ ރަށުގަ ދިވެހިން މަހައް ފޮނުވީމަ.