ރާއްޖޭގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގެ ރަނަރަޕްކަން ހޯދި ނޭޕާލް ގައުމީ ފުޓުބޯޅަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެ ގައުމުގެ ސަރުކާރުން 5 ލައްކަ ނޭޕާލް ރުޕީސް (4176 ޑޮލަރު) ހަދިޔާކޮށްފިއެވެ.

މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ނޭޕާލް މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ފައިނަލުގައި ނޭޕާލް ބައްދަލުކުރީ ސަރަހައްދުގެ ގަދަބާރު އިންޑިއާ އާއެވެ. މެޗު އިންޑިއާއިން ވަނީ ފަސޭހަކަމާއި އެކު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މެޗުން ބަލިވި ނަމަވެސް ނޭޕާލުން ކުޅުންތެރިންނާއި މެދު ދެކެނީ ބަތަލުންގެ ގޮތުގައެވެ. އެއީ މުބާރާތުގައި ނެރުނު ނަތީޖާތަކާއި ގުޅިގެންނެވެ. ނޭޕާލްގެ ކޮންމެ ކުޅުންތެރިއަކަށް މި އަދަދަށް ފައިސާ ދޭން ފާސްކޮށްފައިވަނީ ނޭޕާލްގެ ކެބިނެޓު ބައްދަލުވުމުގައެވެ. މި ފައިސާ ކޮންމެ ކުޅުންތެރިއަކަށް ހަދިޔާކުރުމަށް ތާއިދުކޮށް ކެބިނެޓުގެ ހުރިހާ މިނިސްޓަރުން ވަނީ ރުހުންދީފައެވެ.

މީގެއިތުރުން ނޭޕާލުގެ އަމިއްލަ ބައެއް ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވެސް ދަނީ ނޭޕާލުގެ މި ތާރީހީ ކާމިޔާބީއާއި ގުޅިގެން ޓީމަށް އެކި ހަދިޔާތައް ދެމުންނެވެ. އަދި އެކި ސްޓޭޓުތަކުގެ އިސްވެރިންނާއި ކުޅުންތެރިން ނިސްބަތްވާ އެކި ސަރަހައްދުތަކުގެ މޭޔަރުންވެސް ދަނީ ކުޅުންތެރިންނަށް އެކި އެހީތައް ދެމުންނެވެ.

މުބާރާތުގެ ރަނަރަޕްކަން ހޯދުމާއި އެކު ޓީމަށް ވަނީ 25،000 ޑޮލަރު ލިބިފައެވެ. ރިޕޯޓުތައް ބުނާގޮތުން ނޭޕާލް އެފްއޭއިން މި ފައިސާގެ ދެބައިކުޅަ އެއްބައި ކުޅުންތެރިންގެ މެދުގައި ބަހާލުމަށް ވަނީ ނިންމާފައެވެ.

ސާފް ޗެމްޕިއަންޝިޕުގެ ރަނަރަޕްކަން ހޯދުމުން ނޭޕާލަށް 25،000 ޑޮލަރު ދެނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ނޭޕާލް ކުޅުންތެރިންނަށް ބޮޑެތި އެހީތަކެއް ލިބެމުންދާއިރު، މި މުބާރާތަށްފަހު ޓީމުގެ ހެޑު ކޯޗުކަމުން ވަކިވާން ނިންމި ކުވެއިތުގެ އަބްދުﷲ އަލްމުތައިރީ ވަނީ އެއް އަހަރުދުވަހަށް އެއްބަސްވުން އާކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާ ނޭޕާލުގައި މަޑުކުރަން ނިންމީ އެ ގައުމުގެ ސަރުކާރުންނާއި ފުޓުބޯޅަ ފެޑެރޭޝަނުގެ ގިނަ ބައެއްގެ އެދުމުގެ މަތިން އޭނާގެ މުސާރަ ބޮޑުކޮށްފައެވެ.

ރާއްޖެއިން ވެސް ސާފް ޗެމްޕިއަންޝިޕުގެ ދެވަނަ އެންމެ ފުރަތަމަ ހޯދި ފަހަރު ވަނީ ސަރުކާރުގެ ފަރާތުން ފައިސާގެ އިނާމާއި އެކި ހަދިޔާތައް ލިބިފައެވެ. އަދި ޗެމްޕިއަންކަން 2008 ވަނަ އަހަރު ފުރަތަމަ ހޯދި ފަހަރުވެސް ބޮޑެތި ފައިސާގެ އިނާމު ކޮންމެ ކުޅުންތެރިއަކަށް ލިބިގެންދިޔަ އެވެ.