ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ފަހަތުން އަރާ ޖެހި ލަނޑުތަކުން އިޓަލީގެ އެޓަލަންޓާ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޔުނައިޓެޑު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އެޓަލަންޓާ އޮތީ ހަމަ މިއަދަދަށް މެޗު ކުޅެގެން ހަތަރު ޕޮއިންޓާއެކު އެވެ.

މި ގްރޫޕުގެ ތިންވަނައިގައި ހިމެނުނީ މިރޭ ޔަންގް ބޯއިސް އަތުން 4-1 އިން މޮޅުވި ސްޕެއިންގެ ވިޔަރެއާލް އެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓަލަންޓާ އާއި ގޯލުގެ ތަފާތުންނެވެ. ފުލުގައި ޔަންގް ބޯއިސް އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ. ޔަންގް ބޯއިސް މޮޅުވެފައިވަނީ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

އެޓަލަންޓާ އަތުން ޔުނައިޓެޑް މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ 30 މިނެޓުގެ ތެރޭގައި އެޓަލަންޓާ އިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި މާރިއޯ ޕަސަލިޗް ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު 29 ވަނަ މިނެޓުގައި ކާމިިޔާބުކޮށްދިނީ މެރިހް ޑެމީރާލް އެވެ. މި ހާފުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ރަނގަޅަށް ނިންމާނުލެވުނެވެ.

ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާއެކު އެޓަލަންޓާ އޮތް ނަމަވެސް ދެވަނަ ހާފުގައި ފެނުނީ މުޅިން ތަފާތު ޔުނައިޓެޑެކެވެ. ދެވަނަ ހާފު ޔުނައިޓެޑުން ވަރުގަދަކޮށް ފެށުމުގެ ނަތީޖާއެއްގެ ގޮތުން އެޓަލަންޓާ ޕްރެޝަރަށް ދިޔައެވެ. އަދި ގިނަ ކާޑުތަކެއް ވެސް ގާތްގާތުގައި ފެނިގެންދިޔަ އެވެ.

މެޗުން ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 53 ވަނަ މިނެޓުގައެވެ. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. އޭގެފަހުން ވެސް ޔުނައިޓެޑު ދިޔައީ ގަދަ ހިތްވަރާއެކު ކުޅެމުންނެވެ. ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރީ 75 ވަނަ މިނެޓުގައެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން އޭރިއާ ތެރެއިން ކެޕްޓަން ހެރީ މެގުއާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔުނައިޓެޑުން ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން މި މެޗުން އެ ޓީމު މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށްވެފައި ވަނިކޮށް ކާމިިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑާއެކު މިއީ ޔުނައިޓެޑަށް ރޮނާލްޑޯ ކުޅެދިން 300 ވަނަ މެޗެވެ.