ޔުއެފާ ޗެމްޕިއަންސް ލީގުގައި މަލްމޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ މުހިއްމު ދެ ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 4-0 އިން ޗެލްސީ މެޗު ކާމިޔާބުކޮށްގެންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އާއި ކްރިސްޓެންސެން ގެ އިތުރުން ކައި ހަވާޓްޒް އެވެ. މީގެތެރެއިން ދެ ލަނޑަކީ ލިބުނުު ޕެނަލްޓީން ކާމިޔާބުކުރި ލަނޑުތަކެކެވެ. މި ދެ ޕެނަލްޓީވެސް ޖެހީ ޖޯޖީީނިއޯ އެވެ.

މެޗުގައި ލުކާކޫގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން މެޗުގެ ފުރަތަމަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. މި މެޗުގައި ލުކާކޫއަށް ކުޅެވުނީ ފުރަތަމަ ވިއްސަކަށް މިނެޓު ވަންދެނެވެ.

ޗެލްސީގެ ގޯލު މެޝިނުކަމަށް ބުނާ ލުކާކޫއަށް އަނިޔާވުމާއި އެކު މިއީ އެ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ބެލެވެއެވެ. އެއީ މިހާތަނަށް ޗެލްސީ ކުޅުނު މެޗުތަކުގައި ލުކާކޫގެ ނުރައްކާތެރިކަން ފެންނަަން ހުރުމުންނެވެ. އަދި ނަތީޖާ ނެރުމުގައި ލުކާކޫ ތަފާތުވުމެވެ. އޭނާ ނެތުން ވާނީ ޓީމަށް ލިބޭ ބޮޑު ދެރައަކަށެވެ.

ދަނޑުމަތީގައި ލުކާކޫއަށް ފަރުވާދެނީ

މި މެޗުގައި ލުކާކޫއަށް އަނިޔާވިއިރު އޭރު ޗެލްސީ އޮތީ އެއް ގޯލުގެ ލީޑެއްގައެވެ. ޗެލްސީން ލީޑުނެގި ލަނޑު ނުވަވަނަ މިނެޓުގައި ކާމިޔާބުކުރީ އަންޑްރޭ ކްރިސްޓެންސަން އެވެ.

އޭގެފަހުން ލުކާކޫއަށް އަނިިޔާވީ މަލްމޯގެ ޑިފެންޑަރު ލާސޭ ނީލްސަން އޭރިއާ ތެރެއިން ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ. މި ފައުލް ކުރުމާއެކު ރެފްރީ ވަނީ ޗެލްސީއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ޖޯޖީނިއޯ އެވެ. ޖޯޖީނިއޯ މި ލަނޑު ކާމިޔާބުކުރި އިރު ދަނޑުމަތީގައި ގިނަ އިރުތަކެއް ވަންދެން ލުކާކޫއަށް ވަނީ ފަރުވާދީފައެވެ. އޭނާގެ ބަދަލުގައި ދެން ކުޅެން އެރީ ކައި ހަވާޓްޒް އެވެ.

ޓިމޯ ވާނާއަށް އަނިޔާވެގެން ދަނޑުން ބާލަނީ

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްއަށް އިތުރު ބޮލުގެ ރިހުމެއް ކުރިމަތިވީ ފުރަތަމަ ހާފު ނިމެންދަނިކޮށް އެ ޓީމުގެ ދެން ހުރި ފޯވާޑް ޓިމޯ ވާނާއަށް އަނިޔާވުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ހަޑްސަން އޮޑޯއީ އެވެ.

މެޗަށްފަހު ޗެލްސީގެ ކޯޗު ވަނީ ދެ ކުޅުންތެރިންނަށް ލިބުނު އަނިޔާއާއި ގުޅިގެން މީޑިއާތަކުގައި ވާހަކަދައްކާފައެވެ. ކޯޗު ބުނީ އަނިޔާ މާ ބޮޑު ނުވާކަމަށާއި އެނބުރި ކުޅުމުގެ ތެރެއަށް މާ ގިނަދުވަހެއް ނުވެ އަންނާނެ ކަމަށެވެ.

"ލުކާކޫގެ ކަކުލަށް ގެއްލުންވީ، ޓިމޯ ވާނާގެ ފައިގެ ފަލަމަސްގަނޑަށް، ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރަށްދާން ޖެހޭނެ، އެ ދެ މީހުން (ލުކާކޫ އާއި ވާނާ) ނެތްއިރު ވެސް އަހަރެމެން މެޗުތަކުން މޮޅުވިން، ހަމަ އެގޮތަށް ދެން ވެސް ކުޅެވޭނެ" ބީޓީ ސްޕޯޓްސްއާއި ވާހަކަދައްކަމުން ޓުޗެލް ބުންޏެވެ.

އިންޓަމިލާނު ދޫކޮށް ޗެލްސީއަށް ބަދަލުވި ލުކާކޫ ވަނީ މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުން ތިން ލަނޑު ޖަހާފައެވެ. ޗެލްސީ މިވަގުތު އޮތީ ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައެވެ.