ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ކުޅޭ އެކުވެރިކަމުގެ މެޗަކަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ހދ.ކުޅުދުއްފުއްޓަށް މާދަމާ ފުރާގޮތަށް ހަމަޖެހިއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން އެފްއޭއެމްގެ އޮފިޝަލަކު ބުނީ މި ދަތުރުގައި ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ ވެސް ކުޅުދުއްފުއްޓެވެ. މި މުނާސަބަތުގައި ގައުމީ ޓީމުން ކުޅޭ ހާއްސަ ފުޓުބޯޅަ މެޗު އޮންނާނީ އެ ދުވަހުގެ ހަވީރު ކުޅުދުއްފުށީ ފުޓުބޯޅަ ދަނޑުގައެވެ.

މި ދަތުރަކީ ކުޅިވަރާބެހޭ ވުޒާރާގެ ދައުވަތަކަށް ކުރާ ދަތުރެކެވެ. ގައުމީ ޓީމު ކުޅުދުއްފުއްޓަށް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ކުޅުދުއްފުއްޓަށް ދާ ޓީމުގައި އަލީ ސުޒެއިން އާއެކު ބަހްރެއިންއަށް ފުރި ސީނިއާ ޓީމުގައި ހިމެނޭ ރާއްޖޭގެ ގައުމީ 23 އަހަރުންދަށުގެ ޓީމުގެ ކުޅުންތެރިން މި ދަތުރުގައި ބައިވެރިއެއްނުވާނެ އެވެ. އެހެން ނަމަވެސް ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން މި ދަތުރުގައި ބައިވެރިވާކަމުގެ މައުލޫމާތު "ވަގުތު" އަށް ވަނީ ލިބިފައެވެ.

ގައުމީ ޓީމު ކުޅުދުއްފުއްޓަށް ދިއުމަށް ހަމަޖެހިފައިވާއިރު އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެ ނިންމާލީ ތިންވަނަ ހޯދައިގެންނެވެ. ނަމަވެސް ޓީމުގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް ގިނަ ބަޔަކު ވަނީ ޓީމަށް ތައުރީފުކޮށްފައެވެ.