އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) ދެ ހަފުތާގެ މުއްދަތަކަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ގިނަބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތް އެއް ކުޅުންތެރިއަކީ ހަމްޕު އެވެ. ހާއްސަކޮށް އޭނާގެ ހުނަރުވެރި މޮޅު ކުޅުން ގިނަބަޔަކު ވަނީ ފާހަގަކޮށް އޭނާއަށް ތައުރީފުކޮށްފައެވެ.

ހަމްޕު ދެ ހަފުތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުނުކަން އެނގުނީ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި ސާފް ޗެމްޕިއަންޝިޕުގެ މެޗަށްފަހު ހެދި ޓެސްޓުތަކުންނެވެ. މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް ފައިގެ މަސްގަނޑަށް ލިބުނު ގެއްލުމުން އެއްކޮށް ރަނގަޅުވާން ދެ ހަފުތާއެއް ވަރު ނަގާނެކަމަށް މެޑިކަލް ޓީމާއި ހަވާލާދީ އަދަދުން ވަނީ ބުނެފައެވެ.

ހަމްޕުއަށް ލިބުނު އަނިޔާ ބޮޑު ނުވާއިރު، އާންމުގޮތެއްގައި ދިގު މުއްދަތަކަށް ކުޅުމާއި ދުރަށްދާން ޖެހެނީ ހުޅުތަކަށް ލިބޭ ގެއްލުން ނުވަތަ ލިގަމެންޓަށް ލިބޭ ގެއްލުމުގެ ސަބަބުންނެވެ. މިގޮތަށް ގެއްލުން ލިބުނު ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގައިވެސް އެބަތިއްބެވެ.

އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގައި އިންޑިއާގެ ކުޅުންތެރިން ހަމްޕު އަށް ފައުލްކުރަނީ

ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރުދުވަހު ގައުމީ ފުޓުބޯޅަ ޓީމު ހދ.ކުޅުދުއްފުއްޓަށް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ދެކޮޅަށް މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަނިޔާގެ ސަބަބުން މި މެޗުގައި ހަމްޕުއަކަށް ނުކުޅެވޭނެ އެވެ.

ރާއްޖެއަށް ކުރިޔަށްދެން އޮތީ ލަންކާގައި އަންނަ މަހު ބާއްވާ މަހިންދަރާޖަ ޕަކްސަ މުބާރާތެވެ. ނޮވެމްބަރ 8 އިން 17 އަށް ބާއްވާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާއިރު މި މުބާރާތަށް ހަމްޕު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ވަގުތު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ޔާ ﷲ ހަމްޕް އަށް އަވަސް ޝިފާ އެއް މިންވަރު ކޮށް ދެއްވާށި އާމީން. ހަމްޕް ނެތި ޤައުމީ ޓީމު ކުޅޭތަން ބާހިތްވެސް ނުވޭ،