ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވެއްޖެ އެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވެފައިވަނީ ހަތް ވިކެޓުންނެވެ.

ކޮލިފައިންގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ ސައުދީ އަތުން ހަތް ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. މި އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 50 ބޯޅައިން 20 ލަނޑު ހެދި އިބްރާހިމް ނަޝާތެވެ.

ޖަވާބުގައި ސައުދީން ކުޅެން އަރައި ވަނީ 15.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން، 101 ލަނޑު ހަދައި މެޗުން މޮޅުވެފައެވެ. މި އިނިންގްސްގައި ސައުދީ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ބޯޅައިން 41 ލަނޑު ހެދި ފައިސަލް ޚާންއެވެ.

ޓީ20 ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ގަތަރާއެވެ. ގަތަރު ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ބަހްރެެއިން އަތުން ބަލިވެފައެވެ.

މި ޒޯނުގެ ކޮލިފައިން މެޗުތައް ތާވަލުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޮލިފައިން މެޗުތަކަށް ގައުމީ ޓީމު ފުރިއިރު، އެންމެފަހުން ގައުމީ ޓީމު ބައިނަލްއަޤްވާމީ ކްރިކެޓް މުބާރާތެއްގައި ވާދަކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އެންމެފަހުން 2019 ގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނީ ސައުތް އޭޝިއަން ގޭމްސްގައެވެ. އޭގެފަހުން ކޮވިޑުގެ ހާލަތު ގޯސްވުމުން ޓީމުގެ ހަރަކާތްތަކަށް ބޮޑު މަޑުޖެހުމެއް އައެވެ.

އެކި ގޮންޖެހުންތަކާއި އެކު ގައުމީ ކްރިކެޓް ޓީމު މި މުބާރާތަށް ތައްޔާރުވާން ފަށާފައިވަނީ މީގެ 18 މަސްދުވަސް ކުރިންނެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ޓީމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖެތެރޭ ޓީމަކާއި އެކު ފުޓްބޯޅަކުޅެގެން މޮޅުވެއްޖެ ! މީވަރަށް ފަޚުރުވެރިކަމާއި އެކު މީޑިއާ ތަކަށް ގެންނަން އެންމެ މުހިއްމު ޚަބަރު ދޯ ؟