އަންނަ އަހަރު ގަތަރުގައި ބާއްވާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޫނުގެ ގޮތުގައި ޑޭވިޑް ބެކަމްގެ ނަން ހިމަނައިފިއެވެ.

ގަތަރުގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އަހަރަކު 15 މިލިއަން ޕައުންޑް ގެ އަގަކަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އެހެންކަމުން ދިހަ އަހަރު ނިމޭއިރު ބެކަމްއަށް 150 މިލިއަން ޕައުންޑް ލިބޭނެއެވެ.

އިންގްލެންޑްގެ ކުރީގެ ކެޕްޓަން ވަނީ މި މަހުގެ ކުރީކޮޅު ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރުކޮށް ހަތް ދުވަހުގެ ތެރޭގައި އެ ގައުމުގެ އިސްވެރިންނާއި ބައްދަލުކޮށް ވޯލްޑްކަޕް ކުޅެން ހަމަޖެހިފައިވާ ސްޓޭޑިއަމްތަކަށް ޒިޔާރަތްކޮށްފައެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ޑޭވިޑް ބެކަމް ހޭދަކުރި ދުވަސްވަރުން ފެށިގެން ގަތަރުގެ ދައުލަތާ އެކު ގާތް ގުޅުމެއް އޭނާ ވަނީ ބާއްވާފައެވެ.

ގަތަރުގެ އެމްބެސެޑަރުކަމުގައި ބެކަމްގެ އެންމެ ފުރަތަމަ ޓާގެޓަކީ އަންނަ އަހަރުގެ ވޯލްޑްކަޕަށް ހުޅަނގުގެ ގައުމުތަކުން ސަޕޯޓަރުން އެ ގައުމަށް ގެނައުމެވެ. އަދި އެކަމުގައި ގަތަރުން ބޮޑު ރޯލެއް އޭނާއަށް ދީފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

"އޭނާ (ބެކަމް) ވަރަށް ބޮޑަށް ގަބޫލުކުރޭ ފުޓްބޯޅައިގެ ބާރު، ތަފާތުތައް ނައްތާލަން، މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވަނީ، އެ މައްސަލަތަކުގައި ކުރިއެރުން ތަކެއް ހޯދާފައި. ބެކަމްގެ ސޮޔާއިއެކު އުންމީދަކީ ހުޅަނގުގެ މީހުންނަށް އިތުރު ހިތްވަރެއް ލިބިގެންދިއުން، އެއީ ގަތަރުގެ ރީތި ގޮނޑުދޮށްތަކާއި، ވެލި ކުނޑިތަކާއި، ހީވެސް ނުކުރާފަދަ އުސް ބިނާތަކެއް ފަތުރުވެރިންނަށް ފެނުން" ގަތަރުގެ ޓޫރިޒަމް ބޯޑުން ބުންޏެވެ.