އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އަތުން 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޔުނައިޓެޑު ބަލިވި މެޗަކީ ކޯޗިން ކެރިއަރުގައި މިހާތަނަށް ކުރިމަތިވި އެންމެ އަނދިރި، ހިތާމަވެރި ދުވަސްކަމަށް ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނެފިއެވެ.

މިއީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ފަހުގެ ތާރީހެއްގައި މިހާ ތަފާތުބޮޑުކޮށް އެ ޓީމު ބަލިވި ފުރަަތަމަ ފަހަރެވެ. މި ބައްޔާއެކު ގިނަބައެއްގެ ފާޑުކިޔުން ސޯލްޝެއާއަށް ވަނީ އަމާޒުވެފައެވެ.

ޔުނައިޓެޑުގެ ފަރާތުން މި މެޗުގައި ދަށް ކުޅުމެއް ފެނިިގެންދިޔަ އިރު، ކުޅުން ދިޔަވަރަކަށް ޔުނައިޓެޑުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ޕްރެޝަރުގައި ކުޅުނުތަނެވެ. އަދި ގިނަ ގޯސްތަކެއް ހެދި ތަނެވެ. ނަތީޖާއެއްގެ ގޮތުން ދަނޑަށް ވަދެތިބި ސަޕޯޓަރުން ފުރަތަމަ ހާފުގައި އެކަނި ޔުނައިޓެޑު ކޮޅަށް ހަތަރު ލަނޑު ޖެހުމާއެކު ދަނޑުން ނިކުންނަން ފެށިއެވެ. އަނެއްބަޔަކު ވަނީ ސޯލްޝެއާގެ އިސްތިއުފާއަށް ގޮވާފައެވެ.

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ސޯލްޝެއާ ބުނީ މި ދަނޑިވަޅުގައި މާ ގިނަ ވާހަކަދައްކަން ފަސޭހަނޫން ކަމަށާއި އެނގޭހާވެސް އެއްޗަކީ މިއީ ޔުނައިޓެޑުގެ ކުޅުންތެރިންނާއި ހަވާލުވި ފަހުން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ އަނދިރި ހިތާމަވެރި ދުވަސް ކަމަށެވެ.

"ވަކިވަކި ކުޅުންތެރިންގެ ގޮތުގައި ކުޅެން އަހަރެމެން ރަނގަޅެއްނޫން، އެގޮތަށް ކުޅެގެން ޓީމެއްގެ ގޮތުގައި ކުޅެމުން އަންނަ ލިވަޕޫލް ކައިރިން ނުކުޅެވޭނެ، އެކަން މި މެޗުގައި ފެނުނީ" ސްކައި ސްޕޯޓްސްގައި ވާހަކަދައްކަމުން ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ބުނީ މި މެޗުން ބަލިވި ނަމަވެސް ކުޅުންތެރިންގެ މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށާއި ބަލިވުމުގެ ހުރިހާ ޒިންމާާއެއް އުފުލާކަމަށާއި ބަލިވީ ހެދުނު މަދު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"އަހަރެމެންނަށް ގިނަ ޖާގަތަކެއް ދެވުނު ލިވަޕޫލް ކުޅުންތެރިންނަށް، އެ ޓީމުގައި އެ ތިބީ ކިތަންމެ ކުޑަ ފުރުސަތެއް ދިނަސް ނަތީޖާ ނެރޭ ފެންވަރުގެ ކުޅުންތެރިން، މެޗުގައި ފެނުނީ އެކަންތައް" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑުގެ ފަރާތުން ފެނުނު މި ދަށް ކުޅުމާއެކު މީސްމީޑިއާގައި ވެސް ގިނަ އަދަދެއްގެ ޔުނައިޓެޑު ސަޕޯޓަރުން ދަނީ ސޯލްޝެއާގެ އިސްތިއުފާއަށް ގޮވަމުންނެވެ.