އޭއެފްސީ އޭޝިއަން ކަޕުގެ 23 އަހަރުންދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަނުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުގެ ކެޕްޓަނަކަށް ހައިޝަމް ހަސަން (ބިޑި) ހަމަޖައްސައިފިއެވެ.
އުމުރުން 22 އަހަރުގެ ހައިޝަމް ވަނީ ރާއްޖޭގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސީނިއާ ޓީމުގައި މޮޅު ކުޅުމެއް ދައްކާ ގިނަބައެއްގެ މަގްބޫލުކަން ހޯދާފައެވެ.
މީގެއިތުރުން ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގައުމީ ސީނިއާ ޓީމަށް ކުރިން ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޖައިލަމް (އޮގީ) އާއި އަބްދުﷲ ޔާމިން (ޔާން) އެވެ.
ރާއްޖޭގެ 19 އަހަރުންދަށުގެ ގައުމީ ޓީމަށްވެސް ކުޅުނު ހައިޝަމް ވަނީ 2019 ގައި ނޭޕާލުގައި ބޭއްވި ސައުތް އޭޝިއަން ގޭމްސްގައިވެސް ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމަށް ކުޅެފައެވެ. ކުލަބް ލެވެލްގައި ވެސް ހައިޝަމް ވަނީ އޭނާގެ ފެންވަރު ސާބިތުކޮށްފައެވެ. ބ.އޭދަފުއްޓަށް ނިސްބަތްވާ މި ކުޅުންތެރިޔާ ވަނީ ދިވެހި ކޯޗުންގެ އިތުބާރު ހޯދާފައެވެ.
މި މުބާރާތުގެ ކޮލިފައިން މެޗުތައް ބަހްރޭނުގައި ކުރިޔަށްދާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ލައްވާލީ ގްރޫޕް ސީގައެވެ.
ރާއްޖެއާއެކު ގްރޫޕް ސީގައި ދެން ހިމެނެނީ ބަހްރެއިން އާއި އިރާގު އަދި އަފްޣާނިސްތާނެވެ. އެންމެ ފަހު ވަގުތު އަފްގާނިސްތާނު މުބާރާތުން ވަކިވުމާއި އެކު ރާއްޖެ ދެން މި ކޮލިފައިންގައި ކުޅޭނީ ދެ މެޗެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ކުޅޭނީ ބަހްރޭނާއި ދެކޮޅަށެވެ.
ތި ނިއްމުމަށް މަރުޙަބާ ކިޔަން . ސާފްޗެމްޕިއަން ޝިޕް 2021 ގައި ހައިޝަމް ވަނީ ތީ ހައްޤުމަޤާމެއްކަން ސާބިތު ކޮށް ދީފަ. މަރުހަބާ ހައިޝަމް.
ޤައުމީ ޓީމަށް އަރާ ކުޅުންތެރިން ނަކީ ފާޑުފާޑުގެ ވަނަންކިޔާ ބަޔަކަށް ނަހަދައި އެކުޅުންތެރިއަކަށް ކިޔާ ނަމުން މުޙާތަބުކުރުން ރިވެތި ކަމެއްކަމުގައި ދެކެން.