ބަހްރޭނުގައި މިހާރު ކުރިޔަށްދާ 23 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިރާގު އަތުން ބަލިވެއްޖެ އެވެ.

ރާއްޖޭގެ ޒުވާން ޓީމު އަތުން އިރާގު މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ކޮލިފައިންގައި ރާއްޖެ ކުޅެން ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން އެއް މެޗެވެ.

ކޮލިފައިންގައި ރާއްޖެ ކުރިން ކުޅެން އޮތީ ތިން މެޗެވެ. އެއީ އިރާގާއި ބަހްރޭނާއި އަފްގާނިސްތާނާއި ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަފްގާނިސްތާނު މުބާރާތުގައި ވާދަނުކުރުމުން ރާއްޖެއަށް ޖެހުނީ ގްރޫޕުގައި ދެ މެޗު ކުޅޭށެވެ.

ކޮލިފައިންގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ 8 ވަަނަ ދުވަހު ބަހްރޭނާއެވެ. އަދި ފަހު މެޗުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮތީ މި މަހު 31 ގައެވެ.

ރާއްޖެއާއި އިރާގު ބައްދަލުކުރި މެޗުގެތެރެއިން-- ފޮޓޯ: އޭއެފްސީ

އެކަމަކު، އެންމެ ފަހު ވަގުތު މުބާރާތުގެ ގްރޫޕް ސީ ގައި އަފްގާނިސްތާނުން ބަހްރޭނަށް ނުދާތީ ރާއްޖެ މިހާރު ކޮލިފައިންގައި ރާއްޖެ އަށް ކުޅެން އޮތީ އެންމެ ދެ މެޗެވެ.

އިރާގާއި ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ލީޑުނެގިއެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ޖެހީ މޯމެލް އަބްދުލްރިޒާ އެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްްދިނީ އަހްމަދު ސާޓިޕް އަގާ އެވެ. އެ ޓީމުގެ ބާކީ ދެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވަކާ ރަމަދާން އެވެ.

މި މުބާރާތުގެ ކޮލިފައިން މެޗުތައް ބަހްރޭނުގައި ކުރިޔަށްދާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭއެފްސީ 23 އަހަރުންދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮލިފައިންގެ ހިމެނޭ އެގާރަ ގްރޫޕުގެ ތެރެއިން އެއްވަނަ، އަދި އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެވަނަ ޓީމުގެތެރެއިން ހަތަރު ޓީމަކަށެވެ.