އާ ކޯޗު އިޓަލީގެ އިންޓަމިލާނަށް ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ އާއެކު އަންނަ މަހު ލަންކާގައި ބާއްވާ މުބާރާތަށް ގައުމީ ފުޓުބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

ސްރީލަންކާގައި މި މުބާރާތް ކުރިޔަށްދާނީ އަންނަ މަހުގެ 8 އިން 17 ގެ ނިޔަލަށެވެ. ހަތަރު ގައުމު ވާދަކުރާ މި މުބާރާތަކީ ލަންކާގެ ދައުވަތަކަށް ރާއްޖެއިން ވާދަކުރާ މުބާރާތެކެވެ.

މި މުބާރާތުގައި ވާދަކުރާނީ ދިވެހިރާއްޖޭގެ އިތުރުން ސީޝެލްސް އާއި ސްރީލަންކާ އަދި ބަންގްލަދޭޝް އެވެ. މި ހުރިހާ ގައުމަކުންވެސް މިހާރު ވަނީ މުބާރާތަށް ތައްޔާރުވާން ފަށާފައެވެ.

ރާއްޖޭގެ އާ ކޯޗަކަށް ހަމަޖެއްސި މޮރިއޭރޯ އަކީ އިޓަލީގެ ފުޓުބޯޅައިގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެ އަދި މިހާރު ކޯޗިން ކެރިއަރުގައި ބޮޑެތި ކުލަބުތަކަށް ކޯޗުކަންކޮށްފައިވާ މީހެކެވެ. އުމުރުން 52 އަހަރުގެ މި ކޯޗާއެކު ގައުމީ ޓީމުން ހަދާފައިވަނީ އެއް އަހަރުދުވަހުގެ އެއްބަސްވުމެކެވެ. މިއީ އޭޝިއާ ބައްރުގައި އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

މިއީ މިދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި ގައުމީ ޓީމުގެ ތިންވަނަ ކޯޗެވެ. ރާއްޖެއިން ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ޓީމުގެ ހެޑްކޯޗަކަށް ހުރީ ނެދަލޭންޑްްސްގެ މާޓިން ކޫޕްމަން އެވެ. އޭގެފަހުން ސާފް ޗެމްޕިއަންޝިޕުން ފެށިގެން ޓީމުގެ ކޯޗަކަށް ހުރީ އަލީ ސުޒެއިނެވެ. ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ނިންމާލީ ތިންވަނައިގައި އޮވެގެންނެވެ.

އިޓަލީގެ މީޑިއާތަކުގައި ވާހަކަދައްކަމުން ރާއްޖޭގެ އާ ކޯޗު ބުނީ ދިވެހި ޓީމަށް އެންމެ އެކަށީގެންވަނީ އެޓޭކިން ފުޓުބޯޅައެއް ކަމަށާއި މިހާތަނަށް ބެލި ބެލުންތަކާއި އެކު ރާއްޖޭގެ ގައުމީ ޓީމަށް ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ.

މީގެއިތުރުން އަންނަ ހުކުރުދުވަހު ގައުމީ ފުޓުބޯޅަ ޓީމާއި ކުރެެއްދޫ އައިލޭންޑް ރިސޯޓުގެ ޓީމާއި ދެކޮޅަށް މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެކުރިން މިދިޔަ ހޮނިހިރު ގައުމީ ޓީމުން ވަނީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި މެޗެއް ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން

    އަނިޔާއިން ރަނގަޅުވެފައިވާތީ އީގަލްސްގެ ރިޒްވާނަށް މިފަހަރު ފގުރުސަތުދޭން ފެނޭ. އެއީ ވަރަށް މޮޅު ކުޅުންތެރިއެއް. އަޑުބަރޭ މެން ދެން ގޭގައި ބައިތިއްބާ