މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމަށް ވިސްނާފައިވާކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތްކުރަނީ އަންނަ ހޮނިހިރު ދުވަހު ޔުނައިޓެޑާއި ޓޮޓެންހަމް މެޗަށްފަހު ކޯޗު ސޯލްޝެއާގެ މަސައްކަތްތަކުން އެކަހެރިކުރާށެވެ.

މިހާތަނަށް އައި އިރު ޔުނައިޓެޑުގެ ކޯޗަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އެ ކުލަބުން އެއްވެސް ކަމެއް ހާމައެއްނުކުރެއެވެ. ނަމަވެސް ކުލަބުގެ އިސްވެރިން ކަމަށްވާ ބްލޭޒާސް ފެމިލީން ވަނީ އާ ކޯޗަކު ހޯދުމަށް އަންގާފައިކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ސޯލްޝެއާ ވަކިކުރުމުގެ އަޑުތައް ގަދަވެގެންދިޔައީ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ޔުނައިޓެޑު 5-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު އެވެ. މި މެޗަށްފަހު ގިނަބައެއްގެ ފާޑުކިޔުން ސޯލްޝެއާއަށް އަމާޒުވިއިރު މެޗަށްފަހު ވާހަކަދައްކަމުން ސޯލްޝެއާ ބުނީ މިއީ ކެރިއަރުގައި ވެސް ކުރިމަތިވި އެންމެ އަނދިރި ދުވަސް ކަމަށެވެ. ށެވެ.

"ވަކިވަކި ކުޅުންތެރިންގެ ގޮތުގައި ކުޅެން އަހަރެމެން ރަނގަޅެއްނޫން، އެގޮތަށް ކުޅެގެން ޓީމެއްގެ ގޮތުގައި ކުޅެމުން އަންނަ ލިވަޕޫލް ކައިރިން ނުކުޅެވޭނެ، އެކަން މި މެޗުގައި ފެނުނީ" ލިވަޕޫލް މެޗަށްފަހު ސްކައި ސްޕޯޓްސްގައި ވާހަކަދައްކަމުން ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ބުނީ މި މެޗުން ބަލިވި ނަމަވެސް ކުޅުންތެރިންގެ މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށާއި ބަލިވުމުގެ ހުރިހާ ޒިންމާާއެއް އުފުލާކަމަށާއި ބަލިވީ ހެދުނު މަދު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

މިހާތަނަށް ޔުނައިޓެޑު އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗު ނިމުނީ ބަލިވެގެންނެވެ. އަދި އެންމެފަހުން ޕްރިމިއަރ ލީގުގައި އެ ޓީމުން ކުޅުނު ހަތަރު މެޗުންވެސް މޮޅެއްނުވެއެވެ. ލިވަޕޫލް އަތުން 5-0 އިން ބަލިވި މި މެޗަކީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ވާދަވެރި ކުލަބެއްގެ އަތުން މިހާތަނަށް އެންމެ ތަފާތުބޮޑުކޮށް ބަލިވި މެޗެވެ.

މިއަހަރުގެ ޖުލައި މަހު ޔުނައިޓެޑުން ވަނީ ސޯލްޝެއާ އާއެކު 2024 ގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ. ސޯލްޝެއާ ޔުނައިޓެޑާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޓީމުގެ ކޯޗުގެ މަގާމުން ހޯސޭ މޮރީނިއޯ ވަކިކުރުމުން ވަގުތީ ކޯޗެއްގެ ގޮތުގައެވެ.

ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކުމާއެކު، 2019 ވަނަ އަހަރުގެ މާޗު މަހު ވަނީ ސޯލްޝެއާގެ އެއްބަސްވުން ދާއިމީކޮށް، އިތުރު ތިން އަހަރަށް އޭނާ ބަހައްޓަން ނިންމާފައެވެ.