މެންވެސްޓަރ ޔުނައިޓެޑުގެ ބޯޑުން ކުރިޔަށްގެންދިޔަ ދިގު މަޝްވަރާތަކަށް ފަހު އެ ކުލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރި ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ބަހައްޓަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ބޯޑު ބައްދަލުވުމުގެ ކުރިން އެ ކުލަބުގެ އިސްވެރިން ނިންމައިގެން ތިބީ ސޯލްޝެއާ މަގާމުން ވަކިކުރުމަށެވެ. ނަމަވެސް ކުލަބުގެ ބޯޑުން އެންމެފަހުން ކުރި މަޝްވަރާތަކުން ސޯލްޗެއާ އަށް އިތުރު ފުރުސަތެއް ދިނީ މުހިއްމު މެޗުތަކެއް ކުރިޔަށް އޮތުމުންނާއި މި ދަނޑިވަޅުގައި ކޯޗު ބަދަލުކޮށްގެން މާ ބޮޑު ފައިދާއެއް ނެތުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަހަރުގެ ޖުލައި މަހު ޔުނައިޓެޑުން ވަނީ ސޯލްޝެއާ އާއެކު 2024 ގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ. ސޯލްޝެއާ ޔުނައިޓެޑާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޓީމުގެ ކޯޗުގެ މަގާމުން ހޯސޭ މޮރީނިއޯ ވަކިކުރުމުން ވަގުތީ ކޯޗެއްގެ ގޮތުގައެވެ.

ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކުމާއެކު، 2019 ވަނަ އަހަރުގެ މާޗު މަހު ވަނީ ސޯލްޝެއާގެ އެއްބަސްވުން ދާއިމީކޮށް، އިތުރު ތިން އަހަރަށް އޭނާ ބަހައްޓަން ނިންމާފައެވެ.

މިހާތަނަށް ޔުނައިޓެޑު އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗު ނިމުނީ ބަލިވެގެންނެވެ. އަދި އެންމެފަހުން ޕްރިމިއަރ ލީގުގައި އެ ޓީމުން ކުޅުނު ހަތަރު މެޗުންވެސް މޮޅެއްނުވެއެވެ. ލިވަޕޫލް އަތުން 5-0 އިން ބަލިވި މި މެޗަކީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ވާދަވެރި ކުލަބެއްގެ އަތުން މިހާތަނަށް އެންމެ ތަފާތުބޮޑުކޮށް ބަލިވި މެޗެވެ.

ބޯޑުން މިކަން ނިންމާފައިވަނީ ޔުނައިޓެޑުގެ ލެޖެންޑް ކަމަށްވާ ސާ އެލެކްސް ފާގަސަންގެ އެދުމުގެ މަތިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ބޯޑު ބައްދަލުވުމުގެ ކުރިން ސޯލްޝެއާ ޔުނައިޓެޑުގެ އެއްވެސް ފަރިތަކުރުމެއްގައި ބައިވެރިނުވެއެވެ. ނަމަވެސް އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގައި އޭނާ ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޫުޒޯރޯ ޑި މާސްކް

    ޢަތޮޅު ވެރިޔާ (ފާގަސަން) އަލުން ގެންނަން ފެންނަނީ

  2. އަބް

    ހަވާލުވާނެ އިތުރު މީހަކު ނެތީމަ މޮޅު އެއްޗެއް ކިޔަނީ...ހަހަހަ..

    5
    3
  3. ކާފަބޭ2020

    ކުލަބުގައިމިހާރުގިނައީ ހަމައެކަނިފައިސާއަށް ދަނޑަށްއަރާ ކުޅުންތެރިން ޚާއްޞަކޮށްސަންޗޯގެނައިފަހުން ޕޮގްބާއަކީ މުސާރައަށް އެޖެންޓުލައްވާކުލަބަށްޕްރެޝަރުކުރުވާމީހެއް! ޓީމުކުޅުވުމުގައިޒިންމާދާރުރޯލެއްއަދާކުރާތަނެއްމިހާރަކުނުފެނޭ! މުޅިންވެސްފެންނަނީ މަބޮޑޭވެގެންއުޅޭތަން ޓީމަކާމާބޮޑުގުޅުމެއް ނެތި މެދުތެރެހާވިޔާވެފައޮންނަތަން! މިއީ އަޅުގަނޑަށް ސިފަވާގޮތް!

    2
    1