ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސާއި އުރުގުއޭ ބައްދަލު ކުރާއިރު ފްރާންސްގެ ޒުވާން ފޯވާޑް ކައިލިއަން އެމްބާއްޕޭއަށް ފުރިހަމަށް އިތުބާރުކުރާ ކަމަށް އެގައުމުގެ މިޑްފީލްޑަރ ބްލެއިސޭ މަޓުއިޑީ ބުނެފިއެވެ،

ވޯލްޑްކަޕްގެ ގަދަ 16 ގައި އާޖެންޓީނާ ކަޓުވާލި މެޗުގައި 19 އަހަރުގެ ފޯވާޑް އެމްބާއްޕޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ މެޗުގައި އޭނާ ވަނީ 2ގޯލު ޖަހާފައެވެ. އާޖެންޓީނާ މެޗުގައި އެމްބާއްޕޭ ޖެހި ދެ ގޯލާއި އެކު ޕެލޭގެ ބައިގަރުނަށްވުރެއް ގިނަދުވަސްވީ ރެކޯޑާއި އެމްބާއްޕޭ އަރާ ހަމަކޮށްފައިވާއިރު ޕެލޭ ފިޔަވައި ވޯލްޑްކަޕްގެ މެޗެއްގައި ދެ ގޯލު ކާމިޔާބުކޮށްދިން ހަމަ އެކަނި ހަގު ކުޅުންތެރިއަކީ އެމްބާއްޕޭއެވެ.

ޒުވާން އެމްބާއްޕޭއަށް ތައުރީފްކުރަމުން މަޓުއިޑީ ބުނީ އެމްބާއްޕޭއަކީ މާކް ކުރަން އުނދަގޫ ކުޅުންތެރިއެއް ކަމަށާއި ހަނިހަނި ޖާގަތަކުން ފަސޭހައިން ދެމިގަތުމުގެ ގާބިލްކަން އެމްބާއްޕޭއަށް ލިބިފައިވާ ކަމަށެވެ. އަދި އެމްބާއްޕޭއަކީ ދުވެލި ބާރު ކުޅުންތެރިއެއްކަން ފާހަގަ ކުރަމުން މަޓުއިޑީ ބުނީ އެމްބާއްޕޭއަކީ ތަފާތު ކުޅުންތެރިއެއް ކަމަށެވެ.

"އެމްބާއްޕޭ ހުއްޓުވަން އުނދަގޫވާނެ. އަދި އޭނާ މާކް ކުރަންވެސް އުނގަދޫވާނެ. އެމްބާއްޕޭއަކީ ޖާގަ ހޯދާ ހަނި ހަނި ޖާގަތަކުން ދެމިގަތުމުގެ ގާބިލްކަލް ލިބިގެންވާ ދުވެލި ބާރު ކުޅުންތެރިއެއް. އުރުގުއޭ މެޗުގައިވެސް އެމްބާއްޕޭގެ ފަރާތުން ތަފާތު ފެންނާނެ ކަަމަށް އުންމީދު ކުރަން. އަހަރެމެން އޭނާއަށް ފުރިހަމައަށް އިތުބާރު ކުރަން"

އަދި އުރުގުއޭ މެޗުގައިވެސް އެމްބާއްޕޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް މަޓުއިޑީ ވަނީ ބުނެފައެވެ.

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބާއްޕޭ ވޯލްޑްކަޕްގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ ބޮޑެތި ކުލަބުތަކުގެ ލޮލުގައި ވަނީ އޭނާ އަޅައިގަނެފައެވެ.

ކިޔުންތެރިންގެ ހިޔާލު