Argentina's forward Lionel Messi walks at the Zhukovsky airport, near Moscow, on June 9, 2018, as Argentina's national football team arrives ahead of the Russia 2018 World Cup. / AFP PHOTO / Vasily MAXIMOV

މިފަހަރު ރަޝިޔާގައި ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ ވަނީ ކަޓައިގެން ގޮސްފައެވެ. ހަމަ އެހެންމެ އެޓީމުގެ ތަރި ލިއޮނެލް މެސީއަށް ވެސް އާޖެންޓީނާ ސަލާމަތް ކުރެވޭގޮތެއް ނުވިއެވެ.

ވޯލްޑް ކަޕު ތަށި ކާމިޔާބު ކުރަން ފެވަރިޓުންގެ ގޮތުގައި މުބާރާތް ފެށި އާޖެންޓީނާ ފުރަތަމަ މެޗުގައި އައިސްލޭންޑު އަތުން މޮޅެއް ނުލިބި، ދެވަނަ މެޗުގައި ކްރޮއޭޝިޔާ އަތުން ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. ހަމަ އެހެންމެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނައިޖީރިއާ އަތުން ހަނި ގޮތަކަށް މޮޅުވެ އާޖެންޓީނާ ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.

ނައިޖީރިއާ މެޗުން މޮޅު ވުމުން އިތުރު ހިތްވަރެއް އާޖެންޓީނާ އަށް ލިބިގެން ދާނެ ކަމަށް މީހުން ބުނި ނަމަވެސް އާޖެންޓީނާ ޓީމު އަދި ސަޕޯޓަރުން ހީކުރިގޮތާއި ހިލާފަށް ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗު ފެށީ، އަގުއޭރޯ ނުވަތަ ހިގުއެއިން ވެސް ނުހިމަނާއެވެ. މިއީ މެޗުން މޮޅު ވުމަށް ސަމްޕައޯލީ ނިންމި ޓެކްޓިކަލް ނިންމުމެއް ކަމަށް ވީނަމަވެސް އާޖެންޓީނާ ވަނީ ފްރާންސް އަތުން ބަލިވެ ވޯލްޑް ކަޕުން ކަޓައިގެން ގޮސްފައެވެ.

ކަން މިހެން އޮތް ނަމަވެސް މުބާރާތުގެ ބޮޑު ޓީމުތަކުގެ ތެރޭގައި ފުރަތަމަ ކަޓައިގެން ދިޔައީ އާޖެންޓީނާ އެއް ނޫނެވެ. މިހާތަނަށް އާޖެންޓީނާގެ އިތުރުން ޖަރުމަނު، ޕޯޗުގަލް، ސްޕެއިން ވަނީ މުބާރާތުން ވަކިވެފައެވެ. މުބާރާތުން ކެޓުމުން އާޖެންޓީނާގެ ފުޓުބޯޅައާއި ބެހޭ ފަރާތްތަކުން ވަނީ ޗާޓާރ ފްލައިޓެއްގައި ކުޅުންތެރިން ގައުމަށް ފޮނުވަން ނިންމާފައެވެ. ނަމަވެސް މި ފްލައިޓުގައި ދިޔައީ އާޖެންޓީނާގެ އެންމެ ކުޅުންތެރިއެކެވެ.

ރިޕޯޓު ތަކުން ބުނާގޮތުގައި ޗާޓާރ ކުރި ފްލައިޓުގައި އަނބުރާ ގައުމަށް ދިޔައީ އާޖެންޓީނާ ޓީމުގެ މެދުތެރެއަށް ކުޅޭ އެންޒޯ ޕެރޭޒް އެވެ. އެންޒޯ ފިޔަވައި ހުރިހާ ކުޅުންތެރިން ވަނީ އެކި ހިސާބު ތަކަށް ދަތުރު ކޮށް ޓީމާއި ދުރަށް ޖެހިލާފައެވެ. ހަމަ އެހެންމެ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވެސް ވަނީ ޗާޓާރ ކުރި ފްލައިޓުގައި ދަތުރު ނުކޮށް، އޭނާގެ އަންހެނުންނާއި ބައްދަލު ކުރަން ގޮސްފައެވެ.

މީގެ އިތުރުން ވޯލްޑް ކަޕުގައި އާޖެންޓީނާގެ ކޯޗު ކަމުގެ ބާރު ނަގާލާފައި އޮތް ސަމްޕައޯލީ އަށް އާޖެންޓީނާ އިން އައިސްފައިވާ އިންޒާރުތަކުގެ ސަބަބުން އޭނާ ވަނީ ރަޝިޔާގައި މަޑު ކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާދައަސަރެއް ކޮއްފައެ ތިތިބީ