އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ 23 އަހަރުންދަށުގެ ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި މިރޭ ބަހްރޭން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ.

ބަހްރޭންގެ އަލް މުހައްރަގު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ރާއްޖެ ތިން ލަނޑުން ބަހްރޭން އަތުން ބަލިވުމާއި އެކު ކޮލިފައިންގައި ރާއްޖެ ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއް ކުޅެ ނިމުނީއެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ އިރާގު އަތުންނެވެ. އެ މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. މީގެކުރިން ރާއްޖެ ހިމެނޭ ގްރޫޕުގައި އަފްގާނިސްތާނު ހިމެނުނު ނަމަވެސް އެ ގައުމަށް ކޮލިފައިންގެ މެޗުތައް ކުޅުމަށް ބަހްރޭނަށް ނާދެވުނެވެ. އެއާއެކު މި ގްރޫޕުގައި ހިމެނޭ އިރާގާއި ރާއްޖެއާއި ބަހްރޭން ޖެހުނީ ކޮންމެ ޓީމެއް ދެ މެޗު ކުޅޭށެެވެ.

ބަހްރޭނާއި ދެކޮޅަށް ނެރުނީ ރާއްޖެއާއި އިރާގު ބައްދަލުކުރި މެޗުގައި ވެސް ނެރުނު ފުރަތަމަ އެގާރައެވެ. މި މެޗުގައި ބަހްރޭނުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަދްނާން ފަވާޒެވެ. ފުރަތަމަ ހާފު ނިމުނީ ބަހްރޭން އެއް ލަނޑުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފުގައި ބަހްރޭނުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 55 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިިޔާބުކޮށްދިނީ މުހައްމަދު ގައްޔޫމް އެވެ. އޭގެފަހުން 70 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީގައި އެ ޓީމުގެ ތިންވަނަ ލަނޑު އައްބާސް ފާދެލް އަލަސްފޫރް ކާމިޔާބުކުރި އެވެ.

ކޮލިފައިންގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ނޭޕާޅް ވަނީ ތަޖިކިސްތާން އަތުން 6-0 އިން ބަލިވެފައެވެ. އަދި ސްރީލަންކާ ވަނީ ގަތަރު އަތުން 5-0 އިން ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    ވަރަށްބޮޑު ކުރިއެރުން ތަކެއް ލިބިއްޖެ ކަމަށް ބުނާކަށް ނުވޭތަ ؟

  2. ޖޮބޭ

    އަންހެނުންވެސ ކުޅުނުވިއްޔާ