ހއ.އިހަވަންދޫގައި ޖޭ ސްޕޯރޓްސް އެކަޑަމީ ޖަމިއްޔާއިން ފުޓްބޯޅަ އެކަޑަމީއެއް އިފްތިތާޙް ކޮށްފިއެވެ.

އޮކްޓޯބަރ 28 ވަނަ ދުވަހުގެ ރޭ އެކަޑަމީ އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖެއަށް ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގޯލްޑް ކެޕްޓަން އަސްއަދު އަބްދުލް ޣަނީއެވެ.

އިހަވަންދޫއިން އައްސަދުއަށް މަރުހަބާކިޔަނީ

އޭގެ އިތުރުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް އަދި އެ މިނިސްޓްރީގެ 8 ބޭފުޅަކުވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޝިފާއުއާއި ކައުންސިލް މެންބަރުން ބައިވެރިވި މި ރަސްމިއްޔާތުގައި އިހަވަންދޫގެ ގިނަ އަދަދެއްގެ ބަޔަކުވަނީ ބައިވެރިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ކައުންސިލްގެ ރައީސް މުހައްމަދު ޞަބާހު ވިދާޅުވީ، ރަށުގައި މިފަދަ އެކަޑަމީއެއް އުފެދުމަކީ އުފާވާކަމެއް ކަމަށާއި އުއްމީދަކީ ފާހަގަކޮށްލެވޭނޭފަދަ މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެންދިއުން ކަމަށެވެ. އޭގެ އިތުރުން ކައުންސިލްގެ ފަރާތުން ޖޭ ސްޕޯރޓްސް އެކަޑަމީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

ޖޭ ސްޕޯޓްސް އެކަޑަމީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި ރަސްމިއްޔާތުގައި އެކަޑަމީގައި ހަރާކާތްތެރިވާނެ ކޯޗުންވަނީ ތަޢާރަފްކޮށްފައެވެ. މި އެކަޑަމީގެ އިސް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ޖަމިއްޔާގެ އެއް މުއައްސިސް އަދި އެފްއޭއެމްގެ ބީ ލައިސަންސް ކޯޗު ހުސައިން ފަޔާޒްއެވެ. އޭގެ އިތުރުން ރަށުގައި އެންމެ ގިނަ ދުވަސްވީ ތަޖުރިބާކާރު ކޯޗު ހަމްޒާ އިބްރާހީމް ވެސް މި އެކަޑަމީގައި ދަރިވަރުންނަށް ތަމްރީނު ދިނުމުގައި ހަރަކާތްތެރިވާނެއެވެ.

އެހީތެރިއެއްގެ ގޮތުގައި އަޙްމަދު ނަދީމުވެސް ވަނީ ތަޢާރަފްކޮށްފައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، އަސްއަދުއަށް ވެސް ޓްރެއިނަރުންގެ ޖާރޒީއެއް ވަނީ ހަދިޔާކޮށްފައެވެ.

ޖަމިއްޔާގެ މުއައްސިސް އަދި އެކަޑަމީގެ ކޯޗު ހުސައިން ފަޔާޒު ރަސްމިޔާތުގައި ވިދާޅުވީ މިއީ މީގެ އަހަރެއްކުރީގެ ވިސްނުމެއް ނޫންކަމަށާއި ފަސް އަހަރު ކުރީގެ އުއްމީދެއްކަމަށެވެ. ފަޔާޒުވަނީ އޭނާއާއެކު މި އެކަޑަމީ އުފެއްދުމުގައި ހަރަކާތްތެރިވި ހުރިހާ އެކުވެރިންނަށް ފަށްފަށުން ޝުކުރުއަދާކޮށްފައެވެ.

ޖޭ ސްޕޯޓްސް އެކަޑަމީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި އެކަޑަމީ އުފެއްދުމުގައި ޖަންގަލް ޓީމްގެ ދައުރު ފާހަގަ ކުރައްވަމުން ވިދާޅުވީ ޖޭ ސްޕޯރޓްސް ކީ ނަމަވެސް މިއީ ޖަންގަލް ކަމަށެވެ. މި އެކަޑަމީއަށް އިތުބާރުކޮށް 97 ދަރިވަރުން ބައިވެރިވެފައިވާތީ އެކުދިންގެ ބެލެނިވެރިންނަށްވެސް ފަޔާޒުވަނީ ޝުކުރުއަދާކޮށްފައެވެ.

ބެލެނިވެރިންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުރެވެންހުރިހުރިހާ މަސައްކަތެއް ކޮށްދޭނެކަމުގެ ޔަޤީންކަން ފަޔާޒުވަނީ ދެއްވާފައެވެ. މި އެކަޑަމީއަކީ 100 ކުދިންގެ ޖާގައިގެ އެކަޑަމީއެކެވެ. މި ރަސްމިއްޔާތުގައި ޖަމިއްޔާގެ ހިންގާ ކޮމެޓީ މެންބަރުންނަށްވަނީ ހަނދާނީ ލިޔުމެއް ހަވާލުކޮށްފައެވެ. އޭގެ އިތުރުން ޝަރަފްވެރި މެހެމާނަށާއި އެކި ގޮތްގޮތުން އެހީތެރިވީ ފަރާތްތަކަށް ހަނދާނީ ފިލާވަނީ ހަވާލުކޮށްފައެވެ.

3500 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ އާބާދީބޮޑު މި ރަށުގައި ކުޅިވަރު ކުޅުމަށްް މިވަގުތު ބޭނުންކުރަމުންދަނީ އެންމެ ދަނޑެކެވެ. ރަށުގައި އޮތް 2 ދަނޑުގެ ތެރެއިން އެއް ދަނޑު ސަރުކާރުން ހަދަންފެށުމަށްފަހު މިހާރު މަސައްކަތް ހުއްޓިފައިވާތީ ޒުވާނުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމަށް އިޝާރާތްކޮށް ދައިރާގެ އިއްޒަތްތެރި މެންބަރު ވާހަކަދައްކަމުން ވިދާޅުވީ ދަނޑުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެކަމަށެވެ. މެންބަރު އިތުރަށް ވިދާޅުވީ އެކަޑަމީއަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށާއި މިމަސައްކަތުގައި ހަރަކާތްތެރިވާ އެންމެނަށް ޝުކުރުއަދާކުރާކަމަށެވެ.

ޖޭ ސްޕޯޓްސް އެކަޑަމީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އިހަވަންދޫއަކީ ތިލަދުންމަތީގައި ބޭއްވޭ އެންމެބޮޑެތި މުބާރާތްތައް ބާއްވަމުންއަން ރަށެވެ. އެގޮތުން ކޮންމެ އަހަރަކު އަަތޮޅަށާއި އަތޮޅުން ބޭރަށް ފުރުސަތު ހުވާލާގެން މުބާރާތް ބާއްވަމުން ގެންދެއެވެ. އިހަވަންދޫއަކީ ފުޓްބޯޅައިގެ އިތުރުން ވޮލީގަވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިންތަކެއް ދިރިއުޅެމުންދާ ރަށެކެވެ.

ގޯލްޑް ކެޕްޓަން އަސްއަދު ވިދާޅުވީ މި އެކަޑަމީއާމެދު ޝައްކު ނުކުރާކަމަށާއި މި އެކަޑަމީއިން ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ. އެކަޑަމީގެ ދަރިވަރުންނަށް ނަސޭހަތް ދެއްވަމުން އަސްއަދު ވިދާޅުވީ ފުޓުބޯޅަ ކުޅެވޭނީ ފުރަތަމަ ކަމަކަށް ފަސްވަގުތު ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔެވުމުގެ އިތުރުން ރަނގަޅު އަޙުލާގަކާއި ގަޑިއަށް ފަރުވާތެރިވުމުގެ އިތުރުން މައިންބަފައިންގެ ބަސްއަހައިގެން ކަމަށެވެ.

އަސްއަދު ވަނީ އެކަޑަމީގެ ކޯޗު ހުސައިން ފަޔާޒުއަށް ތަޢުރީފްކޮށް ވާހަކަދައްކަވާފައެވެ. އޭގެ އިތުރުން އަސްއަދު ދަރިވަރުންގެ ގާތުން އެދުނީ އެކަޑަމީގެ އެންމެ ކުއްޖެއްނަމަވެސް އެ އުމުރުފުރާގެ ޤައުމީޓީމަކުން ފެނުމަށެވެ.

ވަގުތު ނޫހަށް މައުލޫމާތު ދެއްވަމުން ޖޭ ސްޕޯރޓްސް އެކަޑަމީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ހާޒިމް ވިދާޅުވީ މި ޖަމިއްޔާ އުފެދުމުގެ މަޤްސަދަކީ އިހަވަންދޫގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުސަތުތަށް ހޯދައިދީ ހުނަރުވެރި ކުދިންތަކެއް އުފެއްދުންކަމަށެވެ. މި ވަގުތު ފުޓްބޯޅަ އެކަޑަމީއެއް އެކަނި ފެށިނަމަވެސް ކައިރި މުސްތަޤުބަލެއްގައި ވޮލީ އަދި ހޭންޑްބޯޅައިގެ ތަމްރީނުތަކެއް ފެށިގެން ދާނެކަމަށެވެ. އިތުރު ކުޅިވަރުތަކުންވެސް ރަށުގެ ޒުވާނުންނަށް ފުރުސަތުތަށް ހޯދައިދެވިގެންދާނެ ކަމަށެވެ.

އަދި ކައިރި މުސްތަޤުބަލެއްގައި މުބާރަތްތަކެއް ބޭއްވުމުގެ ވިސްނުންވެސް އެބަހުރިކަމަށް ހާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ހާޒިމް ވިދާޅުވީ މިއީ ކުޅިވަރަށް ޙާއްސަ ޖަމިއްޔާއަކަށް ވިޔަސް ރަށުގެ އިޖުތިމާއީ ކަންކަމުގައިވެސް މި ޖަމިއްޔާއިން ހަރަކާތްތެރިވާނެ ކަމަށެވެ.