ފުޓުބޯޅަ ކުޅުމުގެ ވިސްނުން ދޫކޮށްލަން އަދި ގާތްވެސް ނުވާ ކަމަށާއި އޭސީ މިލާނުން އޭނާ ބޭރު ނުކުރާ ހިނދަކު އެ ކުލަބުގައި ވީ އެންމެ ގިނަދުވަސް ވަންދެން ކުޅޭނެކަމަށް ޒްލަޓާން އިބްރަހިމޮވިޗް ބުނެފިއެވެ.

އިބްރަހިމޮޮވިޗް މިހެން ބުނެފައިވަނީ އިޓާލިއަން ލީގުގައި މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ކުޅޭ ރޯމާ 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު އެވެ. މި މެޗުގައި އިބްރަހިމޮވިޗް ވަނީ އޭނާގެ ކެރިއަރުގައި ކުލަބަށް 400 ވަނަ ލަނޑު ޖަހާފައެވެ. މީގެއިތުރުން މި މެޗުގެ ދެވަނަ ހާފުގައި އިބްރަހިމޮވިޗް ދެވަނަ ލަނޑެއް ޖެހި ނަމަވެސް އެއީ އޮފްސައިޑު ލަނޑެއްގެ ގޮތުގައި ރެފްރީ ނިންމިއެވެ.

ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އިބްރަހިމޮވިޗް އަށް ވަނީ 40 އަހަރު ފުރިފައެވެ. މިއީ އާންމުގޮތެއްގައި ފުޓުބޯޅައިން ކުޅުންތެރިން ރިޓަޔާވެގެން އެހެން މަސައްކަތްތައް ފަށާ ހިސާބެވެ. ނަމަވެސް އިބްރަހިމޮވިޗް އަދިވެސް ހުރީ ކުޅުން ހުއްޓާލާ ގޮތަކަށް ނޫނެވެ.

މިވަގުތު އިޓާލިއަން ލީގުގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނައިރު މިއަހަރުގެ އޭޕްރީލް މަހު އޭނާ ވަނީ މިލާނާއި އެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ ކުލަބުުގައި އިބްރަހިމޮވިޗް ދަނީ މޮޅު ކުޅުމެއް ކުޅެމުންނެވެ.

އިބްރަހިމޮވިޗް ވަނީ ނިމިދިޔަ ސީޒަނުުގައި މިލާނަށް ކުޅެދިން 19 މެޗުގައި 15 ލަނޑު ޖަހާފައެވެ. މި ސީޒަނުގެ މިހާތަނަށް ކުޅުނު ފަސް މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހާ އެއް އެސިސްޓް ހަަދާފަައެވެ. އިބްރަހިމޮވިޗްގެ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް 31 ޓްރޮފީ ވަނީ ހާސިލުކޮށްފައެވެ. އަދި އޭނާ މިހާތަނަށް ކުޅުނު ކޮންމެ ކުލަބެއްގައި ވެސް މޮޅު ކުޅުމެއް ވަނީ ކުޅެފައެވެ.

އިބްރަހިމޮވިޗްގެ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް އޭނާ ވަނީ 570 ލަނޑު ޖަހާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްމާއިލްވިޗް

    މަރުހަބާ އިބްރާހިމް ގެ ދަރި (ވިޗް) ޒްލަޓާން . ތިއީ މުސްލިމަކަށްވީތީ އަހަރެމެން ފަޚުރުވެރިވަން. ސާބަހޭ އިބްރާހިމް ގެ ދަރިއާ.