އަނިޔާގެ މައްސަލަ ދިގުލައިގެން ގޮސް ކުލަބަށް އޭގެ ގެއްލުން ބޮޑުވަމުންދާތީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ކުލަބަށް ސޮއިކުރި ތަޖުރިބާކާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ވިއްކާލަން ވިސްނަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑުގެ ކެޕްޓަންކަން ވެސް ކުރި ރާމޯސް އެ ކުލަބު ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ނިމިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް އަދި މިހާތަނަށް އޭނާ ޕީއެސްޖީއަށް މެޗެއް ނުކުޅެއެވެ. އެއީ އަނިޔާއިން އަދިވެސް ރަނގަޅުނުވާތީ އެވެ.

ސްޕެއިންގެ ކުޅިވަރު ނޫހެއްކަމަށްވާ "މާސާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާމޮސްގެ އަނިޔާ ރަނގަޅުވާން ވަކި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގައި ރަނގަޅުނުވެއްޖެ ނަމަ އޭނާ އެހެން ކުލަބަކަށް ވިއްކާލަން ހުޅުވާލާނެ ކަމަށް ވެއެވެ.

މީގެކުރިން ބެލެވުނު ގޮތުގައި ދެ މަސްދުވަހުގެ ތެރޭގައި އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވުނު ނަމަވެސް ކުޅުމުގެ ތެރެއަށް އަންނަން ގާތްވާ ކޮންމެ ފަހަރަކު އެހެން އަނިިޔާއެއް ލިބެއެވެ. ޕީއެސްޖީގެ ރަސްމީ ފަރިތަކުރުންތަކުގައި އަދިވެސް ރާމޮސްއަށް ބައިވެރިނުވެވެއެވެ. އެ ކުލަބަށް ބަދަލުވެ މިވީހާ ދުވަހު އޭނާ ފަރިތަކުރަނީ ވަކިންނެވެ.

އުމުރުން 35 އަހަރުގެ ރާމޯސް ޕީއެސްޖީއާއި ގުޅުނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސެވިއްޔާ އިން 2005 ގައި ކެރިއަރު ފެށި ކުޅުންތެރިޔާ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވެ ރެކޯޑުތަކެއް ހަދާފައެވެ. އޭނާ ވެގެންގޮސްފައިވަނީ ރެއާލް މެޑްރިޑުގެ ތާރީހުގައި އެންމެ ކާމިޔާބު ކެޕްޓަނަށެވެ.

ރެއާލް މެޑްރިޑުގައި އޭނާ ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 671 މެޗު ކުޅެ 22 ތަށި އެ ކުލަބަށް ހޯދައިދީގައެވެ. އަދި އެ ކުލަބަކަށް ގިނަ ލަނޑުތަކެއް ވެސް އޭނާ ޖަހައިދީފައިވެއެވެ. ނަމަވެސް ރެއާލްގައި ހޭދަކުރި ފަހުކޮޅު އަނިޔާގެ މައްސަލަ ކުރިމަތިވެ ޓީމުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަލިބުން މަދުވިއެވެ.