ބާސެލޯނާއަށް ހިލޭސާބަހަށް ކުޅެދިނުމަށް އެ ކުލަބުގެ އެއްވެސް ވެރިއަކު އެދިފައިނުވާ ކަމަށާއި އޭރު އެގޮތަށް އެދުނު ނަމަ އިތުރު ވިސްނުމަކަށް ދާނެކަމަށް ލިއޮނަލް މެސީ ބުނެފިއެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނެފައިވާ އިރު އޭނާ ވަނީ އެ ކުލަބުގައި 21 އަހަރު ވަންދެން ކުޅެފައެވެ. މެސީ އެ ކުލަބުގެ އެންމެ ކާމިޔާބު އެކަޑަމީ ކަމަށްވާ ލަމާސިއާގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ.

މެސީއާއެކު ބާސެލޯނާ ހަދާފައިވާ އެއްބަސްވުން އުވާލީ ލަލީގާގެ ގަވާއިދުތަކުގެ ތެރެއަށް މެސީ ނުފެތޭކަމަށް ބުނެ ކުލަބުގެ ދަރަނި ބޮޑުވުމުން މެސީއަށް އެ ކުލަބުގައި ނުހުރެވޭތީއެވެ. އެއީ މެސީގެ އާމްދަނީއާއި ކުލަބުގެ ޖުމްލަ އާމްދަނީއާއި ނުބައްދަލުވާތީއެވެ.

މެސީ މިހެން ބުނެފައިވަނީ އެ ކުލަބުގެ މިހާރުގެ ރައީސް ޖޮއާން ލަޕޯޓާ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ލަޕޯޓާ ވިދާޅުވީ މެސީވެސް ބާސާގައި މަޑުކުރަން ބޭނުންވި ކަމަށާއި އޭނާ ޓީމު ދޫކޮށްލަން ނިންމީ ޕީއެސްޖީން ލިބިފައި އޮތް ހުށަހެޅުމުގެ ޕްރެޝަރުގެ އިތުރުން ބާސާ އިތުރު މާލީ އަދަވަޅަކަށް ވައްޓާލަން ބޭނުންނުވާތީ ކަމަށެވެ.

ލަޕޯޓާ ވިދާޅުވީ އޭރު މެސީ ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން ބާސާއަށް ހިލޭ ކުޅެދޭން މެސީ ނިންމާނެކަމަށް އުއްމީދުކުރި ކަމަށެވެ. ނަމަވެސް ކަންވީ އުއްމީދުކުރި ގޮތަށް ނޫންކަމަށް ލަޕޯޓާ ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދުދެމުން މެސީ ބާސާއިން އޭނާގެ މުސާރާއިގެ 50 އިންސައްތަ ކުޑަކުރަން އެދުމުން އެކަމަށް އެއްބަސްވި ކަމަށާއި، އެގޮތަށް އަމަލުކޮށްފައި ވަނިކޮށް ބާސާގެ ރައީސް އެ މޭރުމުން ވާހަކަ ދެއްކުމުން ހިތާމަކުރާ ކަމަށެވެ.

ކުޅިވަރު ނޫހަކަށް މެސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މިހާރު ޕީއެސްޖީއަށް ކުޅުނު ނަމަވެސް ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި އަދިވެސް ބާސެލޯނާއަށް ހިދުމަތްކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ބޭނުންވަނީ ކުލަބުގެ ޓެކްނިކަލް ސެކްރެޓަރީ ފަދަ މަގާމެއް ކަމަށްވެސް މެސީ ބުންޏެވެ.