ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާން ކުޅުނު ހަތަރު ވަނަ މެޗުންވެސް މޮޅުވެ މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޕާކިސްތާން ހޯދައިފިއެވެ.

ޕާކިސްތާން މެޗު ކާމިޔާބުކޮށްފައިވަނީ ނަމީބިއާ އާއި ވާދަކޮށް 45 ލަނޑުންނެވެ. މިއީ މި މުބާރާތުގައި ޕާކިސްތާނުން ހޯދި ހަތަރުވަނަ މޮޅެވެ. މިފަހަރުގެ މުބާރާތާއި ޕާކިސްތާން ކުރިމަތިލީ ރަނގަޅު ފޯމަކާއި އެކުއެވެ.

މިފަހަރުގެ މުބާރާތުގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އިންޑިއާ ބަލިކޮށްފައިވަނީ 10 ވިކެޓުންނެވެ. އަދި ދެވަނަ މެޗުގައި ނިއުޒީލޭންޑް އަތުން ފަސް ވިކެޓުން މޮޅުވިއިރު ތިންވަނަ މެޗުން އަފްގާނިސްތާން ބަލިކުރީ ފަސް ވިކެޓުންނެވެ.

މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޕާކިސްތާން ހޯދީ ހަ ޓީމު ހިމެނޭ ގްރޫޕުގައި ބާކީ އަދި އެއް މެޗު އޮއްވައެވެ. ޕާކިސްތާން ދެން ބައްދަލުކުރާނީ އަންނަ އާދީއްތަ ދުވަހު ސްކޮޓްލޭންޑް އާއެވެ. ސެމީފައިނަލުގެ ޖާގައެއް ޕާކިސްތާން ހޯދީ ގްރޫޕް ދޭއްގެ އެއް ވަނައިގައި ހަަތަރު މެޗުން އަށް ޕޮއިންޓު ލިބިގެންނެވެ.

ދެވަނައިގައި އަފްގާނިސްތާން އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ނިއުޒިލޭންޑާއި ހަތަރުވަނައިގައި އޮތް ނަމީބިއާ އަށް ދެ ޕޮއިންޓް ލިބޭއިރު ނަމީބިއާ މިހާތަނަށް އެއް މެޗު އިތުރަށް ވަނީ ކުޅެފައެވެ. ފަސްވަނައިގައި މުބާރާތުގެ އެއް ފެވަރިޓް އިންޑިއާ ހިމެނޭއިރު ހަވަނައިގައި އޮތީ ސްކޮޓްލޭންޑެވެ. މި ދެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުންވެސް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

އަބޫދާބީގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ގަސްތުކުރީ ކުޅެން އެރުމަށެވެ. އެގޮތުން ޕާކިސްތާން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 189 ލަނޑު ވަނީ ހަދާފައެވެ.

އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 50 ބޯޅައިން 79 ލަނޑު ހެދި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޒްވާން އެވެ.

ޖަވާބުގައި ނަމީބިއާ އިން ކުޅެންއަރާ ވިހި އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 31 ބޯޅައިން 43 ލަނޑު ހެދި ޑޭވިޑް ވެއިސް އެވެ.

މިއީ ޓީ20 ގެ ތާރީހުގައި ޕާކިސްތާން މުބާރާތުގެ ސެމީފައިނަލަށް ދަތުުރުކުރި ފަސްވަނަ ފަހަރެވެ. އެއާއެކު އެންމެ ގިނައިން ސެމީފައިނަލަށް ދަތުރުކުރި ޓީމުގެ ރެކޯޑުވެސް އޮތީ ޕާކިސްތާން އަތުގައެވެ.