މެޗުގެ ފަހުކޮޅު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލަންޓާ އަތުން މެންޗެސްޓަރ ޔުނައިޓެޑު ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑުގެ ދެ ލަނޑުވެސް ޖަހާ މެޗުގެ ހީރޯއަކަށް ވީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ނަތީޖާއާއި އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ސޯލްޝެއާ އަށެވެ. މަގާމު ގެއްލިދާނެކަމުގެ ބިރުގައި ހުރި ސޯލްޝެއާއަށް މި ނަތީޖާއާއި އެކު މަގާމުގައި ދެމިހުރުމަށް އިތުރު ބާރެއް ލިބެއެވެ.

ވާދަވެރިކޮށް ފެށި މި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އެޓަލަންޓާ އެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޯސިފް އިލިޗިޗް އެވެ.

މި ލަނޑާއެކު ޔުނައިޓެޑުން އިތުރު ހިތްވަރަކާއެކު ލަނޑެއް ޖެހުމަށް ކުރި މަސައްކަތުން ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ވަރަށް ރީތިކޮށް ފަހަތުން ބޯޅައަށް އެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖައްސާލި ބޯޅައެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ

މެޗުގެ ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފުގެ ކުރީކޮޅު އެޓަލަންޓާ އިން ވަނީ ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އެކަން ކާމިޔާބުވީ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑުވާން ޒަޕާޓާއެވެ.

ޔުނައިޓެޑު މި މެޗުން ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ.

ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ

ޗެމްޕިއަންސް ލީގުގައި އެންމެފަހުން ވިޔަރެއާލް ކުޅުނު މެޗުންވެސް ޔުނައިޓެޑު މޮޅުކޮށްދިނީ ރޮނާލްޑޯއެވެ. އަދި ޗެމްޕިއަންސް ލީގުގައި މިދިޔަ މަހު އެޓަލަންޓާ އަތުން ޔުނައިޓެޑު މޮޅުވި ލަނޑުވެސް ޖެހީ އޭނައެވެ. މިފަހަރުގެ ޗެމްޕިއންސް ލީގުގައި ޔުނައިޓެޑު ކުޅުނު ކޮންމެ މެޗެއްގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ޔުނައިޓެޑު އޮތީ ގްރޫޕް އެފްގެ އެއްވަނައިގައެވެ. އެއީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. ދެވަނައިގައި ވިޔަރެއާލް އޮތީ ރޭ ޔަންގް ބޯއިސް 2-0 އިން ބަލިކޮށް ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ހެޑް ޓު ހެޑް އުސޫލުންނެވެ. ތިންވަނައިގައި އެޓަލަންޓާ އޮތްއިރު ފުލުގައި އޮތީ ޔަންގް ބޯއިސް އެވެ.