ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކާ އެކު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އިން ބެންފީކާ ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދިއިރު ޒެނިތު ބަލިކޮށް ޔުވެންޓަސް ވެސް ދެވަނަބުރުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބެންފީކާ އަތުން ބަޔާން މިއުނިކް މޮޅުވެފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ބަޔާންއަށް ހެޓްރިކެއް ހެދި ލެވަންޑޯސްކީ އެވެ.

މި މެޗުގައި ހެދި ހެޓްރިކާއެކު މިއީ ލެވަންޑޯސްކީގެ ކެރިއަރުގައި އޭނާ ފުރިހަމަކުރި 28 ވަނަ ހެޓްރިކެވެ. މީގެތެރެއިން ޗެމްޕިއަންސް ލީގުގައި އޭނާ ފުރިހަމަކޮށްފައި ވަނީ ހަތަރު ހެޓްރިކެވެ. މީގެއިތުރުން މިއީ ޗެމްޕިއަންސް ލީގުގައި ލެވަންޑޯސްކީގެ 100 ވަނަ މެޗެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ބަޔާން މިއުނިކް އިން މި މެޗުގައި އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ ފެނިގެންގޮސްފައެވެ. މިއީ ބަލިން ރަނގަޅުވެގެން އޭނާ ފެނިގެންދިޔަ ފުރަތަމަ މެޗެވެ. މި މެޗުގައި ލެވަންޑޯސްކީގެ ހެޓްރިކް ލަނޑުތަކުގެ އިތުރުން ބަޔާން އަށް ދެން މި މެޗުގައި ލަނޑުތައް ޖަހައިދިނީ ސާޖް ގްނަބްރީ އާއި ލެރޯއި ސާނޭއެވެ.

ބެންފީކާއިން މި މެޗުގައި އެ ޓީމުގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ މޮރާޓޯ އާއި ޑާވިން ނުނޭޒް އެވެ. މި ނަތީޖާއާއެކު ބަޔާން މިއުނިކް މުބާރާތުގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފައި ވަނީ މޮޅުވުމުގެ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. އެ ޓީމު އޮތީ ގްރޫޕް އީގެ އެއްވަނައިގައި ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް އެއްކޮށްގެންނެވެ.

އަންސޫ ފާޓީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ތާވަލުގެ ދެވަނައިގައި އޮތީ ރޭ ޑިނަމޯ ކިއޭވް އަތުން މޮޅުވި ބާސެލޯނާއެވެ. އަންސޫ ފާޓީ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު ބާސެލޯނާ މޮޅުވި މި މެޗާއެކު އެ ޓީމު ދެވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް އެއްކޮށްގެންނެވެ. ތިންވަނައިގައި އޮތީ ބަޔާން އަތުން ބަލިވި ބެންފިކާ އެވެ. އެއީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި ކިއެވް އޮތީ ހަތަރު މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ.

މީގެއިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސް ވަނީ ޒެނިތު 4-2 އިން ބަލިކޮށް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ. މި މެޗުގައި ޕައުލޯ ޑިބާލާ ޔުވެންޓަސްއަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު މި މެޗުގައި އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ފެޑެރީކޯ ކިއޭސާ އާއި އަލްވާރޯ މޮރާާޓާއެވެ.

ޔުވެންޓަސް އަށް ލަނޑު ޖެހުމަށްފަހު ޑިބާލާ އާއި ބޮނޫޗީ އުފާފާޅުކުރަނީ

ޒެނިތުން މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ސަރްދާރް އަޒްމޫން އެވެ.

ގަދަ 16 ގެ ޖާގައެއް ޔުވެންޓަސްއިން ކަށަވަރުކުރީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެގެންނެވެ. އެ ޓީމު ގްރޫޕް އެޗްގެ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ މަލްމޯ އަތުން 1-0 އިން މޮޅުވި ޗެލްސީ އެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި ހަތަރު މެޗުން ތިން ޕޮއިންޓް ހޯދައިގެން ޒެނިތު އޮތްއިރު ފުލުގައި މަލްމޯ އޮތީ އެއްވެސް ޕޮއިންޓެއް ނުލިިބިއެވެ.