ޕީއެސްޖީއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް ކާމިޔާބުކުރި ދެ ލަނޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރުބީ ލިޕްޒިގް އަތުން އެއްވަރުވެއްޖެ އެވެ.

ލިޕްޒިގްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ގްރޫޕުގައި ދެން ހިމެނޭ މެންޗެސްޓަރ ސިޓީ ވަނީ ކުލަބް ބްރޫޖް ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.

މި މޮޅާއެކު ގްރޫޕް އޭގެ އެއްވަަނައިގައި ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ޕީއެސްޖީ އޮތީ ހަތަރު މެޗުން އަށް ޕޮއިންޓާއެކުއެެވެ. އަދި ތިންވަނައިގައި ބްރޫޖަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި މެސީ ނުކުޅޭއިރު ލިޕްޒިގް އިން މި މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލީޑު ނަގާފައެވެ. އަންޑްރޭ ސިލްވާ ނަގައިދިން ހުރަހަކުން މެޗުގެ އަށްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓޯފް އެންކުންކޫ އެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން އެ ޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޕީއެސްޖީގެ ކީޕަރު ޑޮނަރުއްމާ އެ ބޯޅަ ދިފާއުކުރި އެވެ.

ޕީއެސްޖީން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. މިއީ ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ޖިއޮޖީނިއޯ ވައިނަލްޑަމް ކާމިޔާބުކުރި ލަނޑެކެވެ. އެ ޓީމުން ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑުވެސް ޖެހީ ފުރަތަމަ ލަނޑު ޖެހި ވައިނަލްޑަމް އެވެ. މިއީ މިދިޔަ ޓްރާންސްފަރ ބާޒާރުގައި ލިވަޕޫލުން ޕީއެސްޖީއަށް ބަދަލުވެ އޭނާ ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑެވެ.

މެޗުން ލިޕްޒިގް އެއްވަރުކުރީ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ ޑިފެންޑަރ ކިމްޕެމްބޭ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޑޮމިނިކް ސޮބޯސްލާ ކާމިޔާބުކުރި ލަނޑެކެވެ.

މެންޗެސްޓަރ ސިޓީ އެއްވަނައަށް ޖެހިލީ ކުލަބް ބްރޫޖް އަތުން 4-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ފިލް ފޯޑެން ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ބްރޫޖް ނަތީޖާ ހަމަހަމަކުރި އެވެ. މިއީ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ސިޓީގެ ދެވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ ކާމިޔާބުކޮށްދިނި ރިޔާދް މަހްރޭޒް އެވެ. އަދި ތިންވަނަ ލަނޑު 72 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ކާމިޔާބުކުރިއިރު އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖިސަސް އެވެ.