ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ ބެލްޖިއަމް އާއި ދެކޮޅަށް ކުޅޭ މެޗަށް ބްރެޒިލްގެ އިތުބާރު ފުލްބެކް މާސެލޯ ފިޓްވެއްޖެއެވެ.

މާސެލޯ އަށް އަނިޔާވީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސާބިޔާ އަތުން 0-2 އިން ބްރެޒިލް މޮޅުވި މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން މުބާރާތުގެ ދެވަނަ ބުރުގައި މެކްސިކޯގެ މައްޗަށް ބްރެޒިލް އިން ކުރި ހޯދި މެޗުގައި މާސެލޯ ކުޅެފައެއް ނުވެއެވެ. އެ މެޗުގައި މާސެލޯގެ ބަދަލުގައި ކުޅެފައިވަނީ ފިލިޕޭ ލުއިސްއެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ މާސެލޯ މިރޭގެ މެޗަށް ފިޓުވެފައިވާ ކަމަށާއި އެހެންކަމުން ފިލިޕޭ ލުއިސްގެ ބަދަލުގައި ފުރަތަމަ އެގާރައިން އޭނާ އަށް ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މާސެލޯ އާއި ފިލިޕޭ ލުއިސްއާ ވެސް އަހަރެން ވާހަކަދެއްކިން. އެންމެފަހުން ކުޅުނު ދެ މެޗުގައި ލުއިސް ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު މާސެލޯ ފިޓުވުމުން ފުރަތަމަ އެގާރައިން އޭނާ އަށް ޖާގަ ލިބޭނެ" ޓީޓޭ ބުންޏެވެ.

މާސެލޯ މިރޭގެ މެޗަށް ފިޓުވިއިރު ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސަމެއިރޯ ނުކުޅޭނެއެވެ. އޭނާގެ ބަދަލުގައި މި މެޗުގައި ކުޅޭނީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ފާނަންޑީނިއޯއެވެ.

މިރޭގެ މެޗުގައި ބްރެޒިލްގެ ކެޕްޓަންކަން ކުރާނީ އެޓީމުގެ ޑިފެންޑަރު މިރާންޑާ ކަމަށްވާއިރު އޭނާ ވަނީ ބެލްޖިއަމް އަކީ ވަރުގަދަ އެޓޭކިން ޓީމެއް ކަމަށާއި އެހެންކަމުން އެޓީމާ މެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށް ބުނެފައެވެ.

"ބެލްޖިއަމް އަކީ ވަރުގަދަ އެޓޭކިން ޓީމެއް. ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ވެސް އެޓީމުގައި އެބަިތިބި. އަހަރުމެންގެ ޑިފެންސް ލައިން އޮންނާނީ އިދިކޮޅު ޓީމުތަކުގެ އެޓޭކުތައް ހުއްޓުވަން ވަރަށް ރަނގަޅަށް ތައްޔާރުވެގެން" މިރާންޑާ ބުންޏެވެ.

ބްރެޒިލް ކުއާޓާފައިނަލަށް ދަތުރުކުރީ މެކްސިކޯ ބަލިކުރުމަށްފަހު ކަމަށްވާއިރު ބެލްޖިއަމް ކުއާޓާ އަށް ދަތުރުކުރީ އުނދަގޫތަކަކަށްފަހު ޖަޕާނުގެ މައްޗަށް 2-3 އިން ކުރި ހޯދައިގެންނެވެ.

ބެލްޖިއަމް އާއި ބްރެޒިލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.