އާސެނަލްގައި ވިދަމުން އަންނަ ހުނަރުވެރި މިޑްފީލްޑަރ އެމިލް ސްމިތް ރޯވް ފުރަތަމަ ފަހަރަށް އިންގްލޭންޑްގެ ސީނިއާ ސްކޮޑުން ޖާގަ ލިބިއްޖެއެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ވަނީ މީގެކުރިން އެ ގައުމުގެ ޒުވާން ޓީމުތަކަށް ކުޅެ ތަފާތުދައްކާފައެވެ. މިއީ އޭނާއަށް ސީނިއާ ސްކޮޑުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އެމިލް ސްމިތް މީގެކުރިން ވަނީ އިންގްލޭންޑުގެ 16 އަހަރުންދަށް، 17 އަހަރުންދަށް، 18 އަހަރުންދަށް، 19 އަހަރުންދަށް، 20 އަހަރުންދަށް އަދި 21 އަހަރުންދަށުގެ ގައުމީ ޓީމަށް ކުޅެފައެވެ. އޭނާ އިނގިރޭސި ގައުމީ ޓީމަށް ނަގާފައިވަނީ ކުރިޔަށް އޮތް ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކަށެވެ.

އޭނާއަށް ސްކޮޑުން ޖާގަދިނީ މިވަގުތު އޭނާ ހުރި ފޯމު ރަނގަޅުވުމުން ގިނަ ބަޔަކު އޭނާ ގައުމީ ޓީމަށް ނަގަން އެދެމުންދަނިިކޮށެވެ. އެހެންކަމުން ބެލެވޭގޮތުގައި އިންގްލޭންޑް ކުރިޔަށް ކުޅެންއޮތް ކޮލިފައިންގެ މެޗުތަކުގައި އެމިލް ސްމިތް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ.

ވޯލްޑްކަޕަށް ކޮލިފައިވާން އިންގްލޭންޑަށް ދެން ބާކީ ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. އެ ޓީމަށް ދެން ކޮލިފައިންގައި ބާކީ އޮތީ ދެ މެޗެވެ. އެއީ ސެން މެރީނޯ އާއި އަލްބޭނިއާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ މެޗުން އިންގްލޭންޑް ހަތަރު ޕޮއިންޓް ހޯދަން ޖެހެއެވެ.

ލީގުގައި މިވަގުތު އެންމެ ރަނގަޅު ފޯމުގައި ތިބި ކުޅުންތެރިންގެ ތެރޭގައި އެމިލް ސްމިތް ހިމެބެއެވެ. އޭނާ ވަނީ އާސެނަލް އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާފައެވެ. މި ސީޒަނުގެ މިހާތަނަަށް އޭނާ ވަނީ 13 މެޗުގައި ފަސް ލަނޑު ޖަހާފައެވެ.