ފީފާވޯލްޑްކަޕް 2018ގެ ކުއާޓާ ފައިނަލުގައި މިރޭ ބްރެޒިލް އާއި ބެލްޖިއަމް ބައްދަލުކުރާ މެޗްގައި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ހެޓްރިކެއް ހަދައިފި ނަމަ އޭނާއަށް ބިމެއް ދޭނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

އެގޮތުން ނޭމާއަށް ބިމެއް ދޭނެ ކަން ހާމަކުރަމުން ރަޝިޔާގެ ކަޒަން ސިޓީގެ މޭޔަރު އިލްސޫ މެޓްޝިން ބުނީ ނޭމާއަށް ބިމެއް ދޭން ވިސްނަނީ، ތަފާތު ކަމެއް ތަޢާރަފް ކުރުމުގެ ގޮތުން ކަމަށެވެ.

" މިރޭގެ މެޗުގައި ބެލްޖިއަމްއާއި ދެކޮޅަށް ނޭމާ ހެޓްރިކެއް ހަދައިފި ނަމަ އަހަރުމެން މަސައްކަތް ކުރާނަން އޭނާއަށް ބިމެއްދޭން ސްޕޮންސަރ ހޯދަން." މެޓްޝިން ބުންޏެވެ.

ނޭމާއަށް ބިމެއް ދޭން ނިންމާފައިވަނީ ދަނޑުވެރިކަމަށް މަޝްހޫރު އަވަށެއް ކަމުގައިވާ ކަޒަން އިންނެވެ. އަދި މިރޭގެ މެޗުގައި ޖަހާ ލަނޑުގެ އަދަދު އިތުރުކޮށްގެން އޭނާއަށް ލިބޭ ބިމުގެ ހެކްޓަރ ބޮޑުކުރުމުގެ ބާރު ނޭމާއަށް އެބައޮތް ކަމަށްވެސް މޭޔަރު ވަނީ ބުނެފައެވެ.

2010 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެން ފަށާފައިވާ ނޭމާ ވަނީ ގައުމަށް ކުޅެދިން 89 މެޗުގައި 57 ގޯލު ކާމިޔާބުކޮށްފައެވެ.

ރެކޯޑް އަގަކަށް ސްޕެއިންގެ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއާއި ގުޅުނު ނޭމާއަކީ ކުލަބު ފެންވަރުގައިވެސް ގިނަ މެޗުތަކެއް ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ކުލަބު ލެވެލްގައި ނޭމާ ވަނީ 439 މެޗު ކުޅެދީ 269 ގޯލު ކާމިޔާބުކޮށްފައެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ކަޒަން ސިޓީގައި ބްރެޒިލް އާއި ބެލްޖިއަމް ކުޅޭ މެޗަށް ފަހު އެ ސިޓީގައި ދެން ވޯލްޑްކަޕްގެ މެޗެއް ނުކުޅޭނެއެވެ.