ވޯލްޑްކަޕްގެ ނާކާމިޔާބީއަށް ފަހު އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑީބަލާ އޭނާގެ އައު ހެއާސްޓައިލް އާއި އެކު އިންސްޓަރގްރާމްގައި ހިއްސާކުރި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އަޅި ކުލައިގެ އިސްތަށިގަނޑާއި އެކު ޑީބަލާ ހިއްސާކޮށްފައިވާ ފޮޓޯއަށް އެތަށް މިލިއަން ބައެއްގެ ސަމާލުކަން ލިބިފައިވާއިރު ބައެއް މީހުން ވަނީ " ސްނޯމޭން" ގެ ލަގަބު ޑީބަލާއަށް އަރުވާފައެވެ.

އަދި އަނެއްބަޔަކު ޑީބަލާއާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި އެއްގޮތް ކޮށްފައިވާއިރު މީގެ ކުރިން މެސީވެސް ވަނީ ބޮލުގައި އަޅިކުލަ ޖައްސާފައެވެ.

ޑީބަލާގެ އިސްތަށިގަނޑުގެ ކުލައަށް ބަދަލުގެނެސްފައިވަނީ ވޯލްޑްކަޕްގައި ލިބުނު ނާކާމިޔާބީގެ ސަބަބުން ވެފައިވާ ދެރައިން ހިތްވަރު ހޯދާ މުސްތަގުބަލުގައި ރަނގަޅު ކުޅުމެއް ދެއްކުމުގެ ގޮތުން ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ބަޔަކު ސިފަކުރެއެވެ.

އާންމުގޮތެއްގައި ނާކާމިޔާބީއެއް ކުރިމަތިވުމުން ގިނަ ފުޓްބޯޅަ ކުޅުންތެރިން އެ ކުޅުންތެރިންގެ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެއެވެ. އެގޮތުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު އަތުން ބަލިވި މެޗަށް ފަހު ބޮލުގައި ކުލަ ޖައްސައި ތުނބުޅި ފަޅުވާފައެވެ.

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ޑީބަލާ އަކީ ކުލަބު ފެންވަރުގައި ގިނަ މެޗުތަކެއް ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ޑީބަލާ ވަނީ ކުލަބުފެންވަރުގައި 273 މެޗުން 106 ގޯލު ކާމިޔާބުކޮށްފައެވެ.

2015 ވަނަ އަހަރު އާޖެންޓީނާއަށް ކުޅެން ފެށި ޑީބަލާއަށް ގައުމާއި އެކު ގޯލެއް ކާމިޔާބު ކުރެވިފައިނުވާއިރު އޭނާ ވަނީ އާޖެންޓީނާއަށް 13 މެޗު ކުޅެދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަންނަ ވޯލްޑްކަޕްގަވެސް މެސީކުޅޭނެ ޑިބާލާ ބެންޗްގަ!!