މިއީ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން ސޯލްޝެއާ ވަކިވެ އެ ދަންމަރު އެހެން މީހަކަށް ހަވާލުކުރަންޖެހޭ ދަނޑިވަޅު ކަމަށް ކުރިން އެ ޓީމަށް ކުޅުނު ރިއޯ ފާޑިނަންޑް ބުނެފިއެވެ.

ޔުނައިޓެޑް އެންމެފަހުން މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް އަތުން ބަލިވި މެޗަށްފަހު ގިނަބަޔަކު ދަނީ އޭނާ މަގާމުން ދުރުވުމަށް ގޮވާލަމުންނެވެ. ނަމަވެސް ފަހުވަގުތު އޭނާ މަގާމުގައި ބަހައްޓަން ނިންމީ ކުލަބުގެ މެނޭޖުމަންޓުންނެވެ.

ޔޫޓިއުބް ޝޯއެއްގައި ވާހަކަދައްކަމުން ފާޑިނަންޑް ބުނީ މިއީ ކުލަބަށް އެ ކުރާ އިހްތިރާމާއެކު ސޯލްޝެއާ މަގާމުން ވަކިވާންޖެހޭ ދަނޑިވަޅު ކަމަށާއި މިއީ ދެ ފަރާތަށްވެސް މި ވަގުތު އެންމެ ރަނގަޅު ގޮތްކަމުގައި ދެކޭކަމަށެވެ. އަދި ސޯލްޝެއާގެ ގޭމް ޕްލޭނުން ފެންނަ ކަންކަން އެހާ ގަބޫލުކުރަން ފަސޭހަ ނޫންކަމަށް ވެސް ފާޑިނަންޑް ބުންޏެވެ.

ސޯލްޝެއާ މިވަގުތު ހުރީ ބްރޭކެއްގައި އޭނާގެ އާއިލާ މެމްބަރުންނާއެކު ނޯވޭގައެވެ. އެއީ މި ދުވަސްކޮޅަކީ އިންޓަނޭޝަނަލް ފުޓުބޯޅަ ބްރޭކު ދުވަސްކޮޅަށް ވުމުންނެވެ.

"އަހަރެން ކޮންމެ ދުވަހަކު އެކި ޓީމުތަކުގެ ކުޅުން ބަލާ ދިރާސާކުރަން، އެކަމަކު ޔުނައިޓެޑު މި ކުޅެން އުޅޭ ގޮތެއް އަހަންނަށް އުޅެ އުޅެ ނުވިސްނުނު، ޓެކްޓިކަލް އެއްވެސް ކަމެއް އަހަންނަށް ނުފެނޭ" އުމުރުން 43 އަހަރުގެ ސޯލްޝެއާ އާއި ގުޅޭގޮތުން ފާޑިނަންޑް ބުންޏެވެ.

ސޯލްޝެއާގެ ކިބައިގައި ޔުނައިޓެޑު އިތުރަށް ވަރުގަދަކުރަން އެއްވެސް ޕްލޭނެއް އޮތްކަމަށް ނުދެކޭކަން ފާހަގަކުރަމުން ފާޑިނަންޑް ބުނީ ޓީމުގެ ފަރާތުން ކުރިއެރުން ނުފެންނާތީ މިއީ ކޯޗުކަމުގެ ދަންމަރު އެކަން ކުރެވޭ ފެންވަރުގެ މީހަކަށް ހަވާލުކުރަންޖެހޭ ދަނޑިވަޅު ކަމަށެވެ.

މިއަހަރުގެ ޖުލައި މަހު ޔުނައިޓެޑުން ވަނީ ސޯލްޝެއާ އާއެކު 2024 ގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ. ސޯލްޝެއާ ޔުނައިޓެޑާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޓީމުގެ ކޯޗުގެ މަގާމުން ހޯސޭ މޮރީނިއޯ ވަކިކުރުމުން ވަގުތީ ކޯޗެއްގެ ގޮތުގައެވެ.

ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކުމާއެކު، 2019 ވަނަ އަހަރުގެ މާޗު މަހު ވަނީ ސޯލްޝެއާގެ އެއްބަސްވުން ދާއިމީކޮށް، އިތުރު ތިން އަހަރަށް އޭނާ ބަހައްޓަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކަލޯ ފާޑިނަންޑޫ ކަލޯ ހީކުރީ އަތޮޅު ވެރިޔާ (ފާގަސަން) ހުރިއިރު ތަށި ލިބުނީ އޭނަ މޮޅުކަމުންތަ.

    3
    1
  2. ޫުޒޯރޯ ޑި މާސްކް

    ކަލޯ ފާޑިނަންޑޫ ކަލޯ ހީކުރީ އަތޮޅު ވެރިޔާ (ފާގަސަން) ހުރިއިރު ތަށި ލިބުނީ އޭނަ މޮޅުކަމުންތަ.

    2
    2