ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ފްރާންސް އާއި އުރުގުއޭ ކުރިމަތިލާ މެޗަކީ ކުއާޓާ ފައިނަލްގެ އެންމެ ވަރުގަދަ އެއް މެޗަށް ވެގެންދާނެ އެެވެ. ދުނިޔޭގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ މި ދެ ޓީމު ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ދެ ޓީމު ކަޓުވާލުމަށް ފަހު އެވެ. އުރުގުއޭ އިން ވަނީ ދެވަނަ ބުރުގައި ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި އާޖެންޓީނާ ބަލިކޮށްފަ އެވެ.

އުރުގުއޭގެ ތަރިންނަކީ ޓީމުގެ ދެ ފޯވަޑުން ކަމަށްވާ އެޑިސަން ކަވާނީ އާއި ލުއިސް ސުއަރޭޒް އެވެ. އެކަމަކު މި މުބާރާތުގައި އުރުގުއޭގެ ޑިފެންސް އިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭ ކޮޅަށް އަދި މިހާތަނަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން އުރުގުއޭ އަށް ޖާގަ ހޯދައިދިނުމަށް އެންމެ މުހިންމު ޜޯލެއް އަދާކުރީ ކަވާނީ އެވެ. އެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެކަމަކު އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން، މިރޭގެ މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމަށް ނުބެލެވެ އެވެ. ކަވާނީގެ ބަދަލުގައި މިރޭގެ މެޗުގައި ކުޅޭނެ ކަމަށް ބެލެވެނީ ކްރިސްޓިއަން ސްޓުއާނީ އެވެ.

އުުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ ފްރާންސްގެ ފޯވަޑުންގެ ނުރައްކާ ބޮޑުވާނެ ކަމަށާއި ފްރާންސްގެ ފޯވަޑްލައިނަށް ޖާގަ ދީފި ނަމަ، އުރުގުއޭ އަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

"ފްރާންސްގެ ފޯވަޑުންނަށް ވަރަށް ބޮޑަށް ވިސްނަންޖެހޭ. ފޯވަޑްލައިނަށް ޖާގަ ދީފި ނަމަ، އަހަރެމެންނަށް އުނދަގޫވާނެ،" ޓަބަރޭޒް ބުންޏެވެ.

އާޖެންޓީނާ އަތުން ފްރާންސް މޮޅުވި މެޗުގައި، އެ ޓީމުގެ ޒުވާން ފޯވަޑްްް ކިލިއަން އެމްބާޕޭ ވަނީ ދެ ލަނޑު ޖަހައިފަ އެެވެ. އެހެންކަމުން، އެމްބާޕޭ އަށް މިރޭގެ މެޗުގައި އުރުގުއޭ އިން ހާއްސަ ސަމާލުކަމެއް ދޭނެ އެވެ.

ފްރާންސްގެ ޓީމަށް ބަލާއިރު، ސަސްޕެންޑްވެފައިވާ މިޑްފީލްޑަރ ބްލައިސް މަޓުއީޑީގެ ބަދަލުގައި ކުޅޭނެ ކަމަށް ބެލެވެނީ ބަޔާން މިއުނިކްގެ ކޮރެންޓިން ޓޮލީސޯ އެވެ. ފްރާންސް ޓީމުގައި އިންޖަރީގެ ބޮޑު މައްސަލައެއް ނެތެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އުރުގުއޭ އަކީ ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ. ހާއްސަ ޑިފެންސްގައި އެ ޓީމު ވަރަށް ވަރުގަދަ ކަމަށެވެ. އަދި މެޗަށް ތައްޔާރުވާނީ އުރުގުއޭގެ ފޯވަޑް ކަވާނީ ކުޅޭނެ ކަމަށް ބަލައިގެން ކަމަށެވެ.

"އަހަރަމެން މެޗަށް މި ތައްޔާރުުވަނީ ކަވާނީ ކުޅޭނެ ކަމަށް ބަލައިގެން. އެއީ ކޮންމެ ގޮތެއް ވިޔަސް، އޭނާ ކުޅޭނެކަން ނުވަތަ ނުކުޅޭނެކަން އެނގޭނީ މެޗުގެ 90 މިނިޓު ކުރިން،" ޑެޝޯމްޕްސް ބުންޏެވެ.

އުުރުގުއޭ:

ވޯލްޑް ކަޕްގައި ޖެހިޖެެހިގެން ފަސް މެޗުން އުރުގުއޭ މީގެ ކުރިން މޮޅެއް ނުވޭ. މިރޭގެ މެޗުގައި އުރުގުއޭ މޮޅުވެއްޖެ ނަަަމަ، އެއީ އެ ޤައުމުގެ އާ ރެކޯޑަކަށްވާނެ.

އުރުގުއޭ އިން ވަނީ މީގެ ކުރިން ހަތަރު ފަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ.

އެންމެ ފަހުން މުބާރާތުގައި ކުޅުނު ދެ ކުއާޓާ ފައިނަލުން ވެސް އުރުގުއޭ ވަނީ މޮޅުވެފަ. ކުއާޓާ ފައިނަލުން އުރުގުއޭ އެންމެ ފަހުން ބަލިވީ 1966 ވަނަ އަހަރު.

ފްރާންސް:

ފްރާންސް އެންމެ ފަހުން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ 2006 ވަނަ އަހަރު.

ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 9 މެޗުން ވެސް ފްރާންސް ބައްޔެއް ނުވޭ.

އެނގޭތަ؟

މިއީ އުރުގުއޭ އާއި ފްރާންސް ވޯލްޑް ކަޕްގައި ބައްދަލުކުރާ ހަތަރު ވަނަ ފަހަރު، އެކަމަކު ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.