ސާޖިއޯ ރާމޮސް އާއި މެސީގެ ވާހަކަ އައުމުން އެންމެންވެސް ހަނދާން ވާނީ މިއީ ވާދަވެރި ދެ ކުޅުންތެރިންގެ ގޮތުގައެވެ. 10 އަހަރު ވަންދެން ރެއާލް މެޑްރިޑް އަދި ބާސެލޯނާ ބައްލަދުކުރި އެލް ކްލެސިކޯގެ ޖުމްލަ 45 މެޗުގައި މި ދެ ކުޅުންތެރިންގެ ވާދަވެރިކަން އިންތިހާ އަށް ފެނިފައިވެއެވެ.

މިގޮތުން ސާޖިއޯ އަކީ އާއްމުކޮށް މެސީ އަށް ވަރުގަދަ ޓެކުލްތަކެއް ކުރާ ކުޅުންތެރި އެއް ކަމުގައިވާއިރު ދެ ފަހަރެއްގެ މަތިން އޭނާ މެސީ އަށް ކުރި ފައުލުގެ ސަބަބުން ރަތް ކާޑުވެސް ދައްކާފައިވެއެވެ.

ނަމަވެސް، އެއީ މާޒީއެވެ. މިހާރު މި ދެ ކުޅުންތެރިން ވެސް ތަމްސީލް ކުރަމުން އަންނަނީ ފްރާންސުގެ ޗެމްޕިއަނުން ކަމުގައިވާ ޕީއެސްޖީއެވެ.

ސާޖިއޯ އެ ކްލަބަށް ބަދަލުވި ފަހުން ޓީމުގެ ކުޅުންތެރިންނާއި ގާތް ގުޅުމެއް ބާއްވަމުން އައި ނަމަވެސް، މެސީ އާއި ސާޖިއޯ އާއި ދެމެދު އެފަދަ ގުޅުމެއް ނުވާއިރު ބޮޑެތި ޓެންޝަންތަކެއް ހުރި ކަމަށް ޕީއެސްޖީގެ ބައެއް ކުޅުންތެރިންނާއި ހަވާލާދީ ފްރާންސުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މެސީ އަދި ރާމޯސް ޕީއެސްޖީ އާއި ގުޅުމަށް ފަހު

ނޫސްތަކަށް މައުލޫމާތު ދިން ޕީއެސްޖީ ކުޅުންތެރިން ބުނެފައި ވަނީ މާޒީގައި މި ދެ ކުޅުންތެރިންގެ ފަރާތުން ފެނުނު ވާދަވެރިކަމަކީ އާދައިގެ ވާދަވެރިކަމެއް ނޫން ކަމަށާއި އެހެންކަމުން އެ ދެ ކުޅުންތެރިން އެކަކު އަނެކަކު ދަސްކޮށް، ގާތް ގުޅުމެއް ބާއްވަން ދުވަސް ނަގާނެ ކަމަށެވެ.

މެސީ އާއި ރާމޯސްގެ މެދުގައި ޕްރެކްޓިސްތަކުގައި ޓެންޝަންތަކެއް ފާހަގަވެފައި ވީ ނަމަވެސް، ދެ ކުޅުންތެރިން ޕީއެސްޖީ އާއި ގުޅުމަށްފަހު ނަގާފައިވާ ފޮޓޯތައް ވަރަށް އުފާވެރިއެވެ. އަދި މެސީ އެ ކްލަބާއި ގުޅުމުން ރާމޯސްގެ ގޭގައި މެސީ އަށް ހުރެވޭނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ނަމަވެސް މެސީ އެ ގޮވާލުމަށް އިޖާބަ ދީފައެއް ނުވެއެވެ.

މި ދެ ކުޅުންތެރިން ވެސް ޕީއެސްޖީ އާއި ގުޅިފައި ވަނީ ފްރީ ޓްރާންސްފާގެ ދަށުންނެވެ. ނަމަވެސް އަނިޔާގެ ސަބަބުން ސާޖިއޯ ރާމޮސް އަށް ޕީއެސްޖީގެ ޖާޒީގައި މެޗެއް ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. މި ދެ ކުޅުންތެރިން އެކުގައި ގިނަ މެޗުތައް ކުޅޭ ވަރަކަށް ގާތް ގުޅުމެއް އުފެދި، ޓެންޝަންތައް ފިލާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.