އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ތަށި މިފަހަރު އުފުލާލާނެކަމަށް ބެލެވުނު ޕާކިސްތާން ހިތްދަތިގޮތަކަށް މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ.

ޕާކިސްތާން މުބާރާތުން ކެޓީ ސެމީފައިނަލުގެ ދެވަނަ މެޗުގައި އޮސްޓްރޭލިއާ އަތުން ބަލިވުމުންނެވެ. އެއާއެކު މުބާރާތުގެ ފައިނަލުގެ ޖާގައެއް އޮސްޓްރޭލިއާ އަށް ވަނީ ލިބިފައެވެ.

ޔޫއޭއީގައި ކުޅުނު ސެމީފައިނަލުން އޮސްޓްރޭލިއާ މޮޅުވެފައިވަނީ ފަސް ވިކެޓުންނެވެ. މިއީ 2010 ގެ ފަހުން އެ ޓީމަށް ވޯލްޑްކަޕުގެ ފައިނަލަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ޓީ20 ގެ އާ ފޯމެޓު އާކުރިފަހުން އެ ޓީމަށް އަދި ވޯލްޑްކަޕް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ސެމީފައިނަލާއި ހިސާބަށް ޕާކިސްތާން ވަނީ މި މުބާރާތުގައި އުއްމީދީ ނަތީޖާތަކެއް ނެރެފައެވެ. އަދި އެންމެ ގިނަ ބަޔަކު ތަށި ނަގާނެކަމަށް ވެސް ވާހަކަދެކެވުނީ ޕާކިސްތާނަށެވެ. އެއީ ނެރެފައިވާ ނަތީޖާތަކާއި ކުޅުމުގެ ފެންވަރަށް ބެލުމަށްފަހު އެވެ. ހާއްސަކޮށް މުބާރާތުގެ ފެވަރިޓް އިންޑިއާ ބަލިކުރުން ވެގެންދިޔައީ ގިނަބަޔަކަށް ބޮޑު ހައިރާންކަމަކަށެވެ.

ބަލިވުމުން ޕާކިސްތާން ކުޅުންތެރިން މާޔޫސްވެފައި

ޕާކިސްތާން ސެމީފައިނަލަށް ދިޔައީ ގްރޫޕްސްޓޭޖުގައި ކުޅުުނު ފަސް މެޗުންވެސް މޮޅުވެ ގްރޫޕު ދޭއްގެ އެއްވަނަ ހޯދައިގެންނެވެ. އޮސްޓްރޭލިއާ ސެމީފައިނަލަށް ދިޔައީ ގްރޫޕް އެކެއްގެ ދެވަނަ މަގާމު ހޯދައިގެންނެވެ.

މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ ހޮވުމަށެވެ. ޕާކިސްތާން ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 176 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 52 ބޯޅައިން 67 ލަނޑު ހެދި މުހައްމަދު ރިޒްވާނެވެ.

ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި 19 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 177 ލަނޑުހަދާ މެޗު ވަނީ ކާމިޔާބުކޮށްފައެވެ.އެންމެ ރަނގަޅަށް ކުޅުނީ 30 ބޯޅައިން 49 ލަނޑު ހެދި ޑޭވިޑް ވާނާ އެވެ.

ޓީ20 ކްރިކެޓް ވޯލްޑްކަޕުގެ ފައިނަލުގައި އޮސްޓްރޭލިއާ ބައްދަލުކުރާނީ ނިއުޒީލޭންޑާއެވެ. އެ ޓީމު ފައިނަލަށް ދިޔައީ ސެމީފައިނަލުގައި އިންގްލޭންޑް ބަލިކޮށްގެންނެވެ. މި އެ ޓީމުގެ ތާރީހުގައި ކްރިކެޓް ވޯލްޑްކަޕުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    އާ ފޯމެޓް ތަޢާރަފު ކުރީ ކޮންއިރަކު؟

  2. އަހުމަދު

    ކުރިން ފޮނުވި ކޮމެންޓް ކީއްވެ ނުޖެހީ؟