އުރުގުއޭގެ މައްޗަށް 0-2 އިން ކުރި ހޯދާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ.

ފްރާންސްގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު ގޯލްޖަހާނެ ފުރަތަމަ ރަނގަޅު ފުރުސަތު ތަނަވަސްކުރީ ވެސް އެޓީމުންނެވެ. ނަމަވެސް އުރުގުއޭގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 40 ވަނަ މިނެޓްގައި ރަފޭލް ވަރާން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލު ވަރާން ކާމިޔާބުކުރީ އުރުގުއޭގެ ޕެނަލްޓީއޭރިއާ ތެރެއަށް ގްރިޒްމަން ހުރަސްކޮށްލި ބޯޅަ އެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

ފްރާންސްގެ ފުރަތަމަ ގޯލު ވަރާން ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފް ނިމުމުގެކުރިން ނަތީޖާ އެއްވަރުކޮށްލަން އުރުގުއޭ އަށް ވަނީ ކައިރިކައިރީގައި ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ކަސަރޭސް ބޮލުން ކުރިއަށް ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ދިފާއުކުރިއިރު، ފްރާންސްގެ ގޯލު ކުރިމަތީ ހުހަށް ހުރެ ގޮޑީން ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ފްރާންސް އިން ނިންމާލިއިރު މެޗުގެ 61 ވަނަ މިނެޓްގައި އެންޓޮއިން ގްރިޒްމަން ވަނީ ފްރާންސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު ވަދެފައިވަނީ އުރުގުއޭގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ގްރިޒްމަން ފޮނުވާލި ބާރު ހަމަލާ އެޓީމުގެ ކީޕަރު މުސްލޭރާ ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.

އަދި ލީޑު ފުޅާކޮށްލަން މެޗުގެ 73 ވަނަ މިނެޓްގައި ފްރާންސްގެ ޒުވާން މިޑްފީލްޑަރު ޓޮލީސޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އުރުގުއޭގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ. މި ހާފުގައި އުރުގުއޭ އަށް ފްރާންސްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

ފްރާންސް އާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މިއީ ވޯލްޑް ކަޕްގެ ސެމީ އަށް ފްރާންސް ދަތުރުކުރި ހަވަނަ ފަހަރު ކަމަށްވާއިރު މިއީ 2006 ވަނަ އަހަރަށްފަހު މުބާރާތުގެ މިހާ ހިސާބަށް ފްރާންސް އަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ސެމީގައި ފްރާންސް ބައްދަލުކުރާނީ ބެލްޖިއަމް އާއި ބްރެޒިލް މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.