ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައިވާ ތައިލެންޑުގެ ޒުވާން ފުޓުބޯޅަ ޓީމުގެ މެންބަރުން، ވޯލްޑް ކަޕު ނިމުމުގެ ކުރިން ސަލާމަތްވެއްޖެނަމަ، ވޯލްޑް ކަޕުގެ ފައިނަލް މެޗު ބަލާލުމުގެ ފުރުޞަތު ދެއްވާނެކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، ތައިލަންޑުގެ ފުޓުބޯޅަ އިދާރާއަށް ފޮނުއްވެވި ޚާއްޞަ މެސެޖެއްގައެވެ.

އިންފަންޓީނޯ ސޮއިކުރައްވާ، ތައިލަންޑުގެ ފުޓުބޯޅަ އިދާރާއަށް ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައިވަނީ، ހޮހޮޅައިގައި ތާށިވެފައިވާ ޓީމު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް، ބައިނަލްއަޤުވާމީ ފުޓުބޯޅަ އިދާރާ، ފީފާ އިން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

"މުޅި ބައިނަލްއަޤުވާމީ ފުޓުބޯޅަ މުޖުތަމަޢުގެ ނަމުގައި ކުޅުންތެރިންނާއި ކޯޗުގެ އާއިލާއަށް (ތާށިވެފައިވާ ޓީމުގެ) ހެޔޮ ދުއާ ފޮނުވަން. މި ދަނޑިވަޅުގައި ތައިލަންޑް ރައްޔިތުންނާއެކު ތިބިކަންވެސް ހަނދާން ކޮށްދެން."- ފީފާގެ މެސެޖުގައިވެއެވެ.

އިންފަންޓީނޯ އިތުރަށް ވިދާޅުވެފައިވަނީ އޭނާއާއި ފީފާގެވެސް އުންމީދަކީ، ވީ އެންމެ އަވަހަކަށް ޓީމުގެ ހުރިހާ މެންބަރުން ސަލާމަތްވެ، މި މަހުގެ 15 ވަނަ ދުވަހު ރަޝިޔާގެ ވެރި ރަށް މޮސްކޯގައި އޮންނަ ވޯލްޑް ކަޕުގެ ފައިނަލުގައި، ފީފާގެ މެޙުމާނުންގެ ގޮތުގައި ބައިވެރިވުންކަމަށެވެ.

ޝިއާންގ ރައީ ނަމަކަށް ކިޔާ ހޮހޮޅައެއްގައި މި ޓީމު ތާށިވެފައިވާއިރު، އެފަރާތްތައް އެތަނުގައި ތާށިވެފައިވާތާ މިހާރު 13 ވަރަކަށް ދުވަސް ވާނެއެވެ. އެންމެ ކުރިން ފެށިގެން، އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން، ކުޅުންތެރިން ސަލާމަތްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، އެމަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ޑައިވަރަކު މަރުވުމާ ގުޅިގެން، އަނެއްކާވެސް ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

ފީފާގެ އިތުރުން، ބައެއް އެހެން ޤައުމުތަކުގެ ޤައުމީ ފުޓުބޯޅަ ޓީމުތަކުންނާއި ފުޓުބޯޅަ އިދާރާތަކުންވެސްވަނީ، ތާށިވެފައިވާ ކުޅުންތެރިންނާއި އެމީހުންގެ އާއިލާތައް އަދި ތައިލަންޑް ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް، ނޫސް ބަޔާންތައް އާއްމުކޮށްފައެވެ. އެގޮތުން، ވޯލްޑް ކަޕުގެ ދެވަނަ ބުރުން ކެޓިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޖަޕާނު ޤައުމީ ޓީމުން ވަނީ ތައިލަންޑަށް، ހަމްދަރުދީގެ މެސެޖެއް ފޮނުވާފައެވެ.