އާ ކޯޗު ޒަވީ ހެނާންޑޭޒްގެ ހަރުކަށި އުސޫލުތަކުގެ ދަށުން ފަރިތަކުރުންތަކަށް ގަޑިޖެހިގެން އައުމުގެ ސަބަބުން އޮސްމާން ޑެމްބެލޭ ޖޫރިމަނާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސެލޯނާގެ ކޯޗުކަމާއި ޒަވީ ހަވާލުވިފަހުން އޭނާ ވަނީ ހަރުކަށި އުސޫލުތަކެއް އެކުލަވާލާފައެވެ. އެގޮތުން އޭނާ ކުލަބާއި ހަވާލުވާން ބާސެލޯނާއަށް ދިޔަތާ މާގިނަދުވަހެއް ނުވެ އޭނާ ވަނީ ޖެރާޑް ޕީކޭއަށް ޓީވީ ޝޯއަކަށް އެރުން މަނާކޮށްފައެވެ.

މީގެއިތުރުން ފަރިތަކުރުންތައް ފެށުމުގެ 90 މިނެޓު ކުރިން ދަނޑަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފައެވެ. އެ އުސޫލުތައް ތަންފީޒުކުރަން ފެށިފަހުން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކަށް ޑެމްބެލޭ ހާޒިރުވީ ތިން މިނެޓު ފަހުންނެވެ. އެއާއެކު އޭނާއަށް ވަނީ ބާސެލޯނާއިން އަދަބު ދީފައެވެ.

މަގާމާއި ހަވާލުވުމަށް ފަހު ޒަވީ އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ކުޅުންތެރިންގެ އަހުލާގެވެ. އެ އަހުލާގު ދަމަހައްޓައިފި ނަމަ ދަނޑުމަތީގައި ތަފާތު ފެންނާނެ ކަމަށެވެ.

ޒަވީ ހަމައެކަނި އުސޫލުތައް އެކުލަވާލީ އޭނާގެ ކުޅުންތެރިންނަކަށް ނޫނެވެ. ކޯޗިން ސްޓާފުންނަށް ވެސް އެ ހަރުކަށި އުސޫލުތައް ވަނީ އެކުލަވާލާފައެވެ. ކޯޗިން ސްޓާފުން ފަރިތަކުރުންތަކަށް ހާޒިރުވާން ޖެހެނީ ކަނޑައަޅާފައިވާ ވަގުތުގެ ދެ ގަޑިއިރު ކުރިންނެވެ. އެއީ ކޮންމެ ކުޅުންތެރިއަކާއި ވަކިން ވާހަކަދައްކާ ފަރިތަކުރުންތައް ރާވާލަން ފަސޭހައަކަށެވެ.

ޒަވީ ބާސެލޯނާއާއި ގުޅުނީ ދުރުރާސްތާ ޕްލޭނަކާއެކު އެވެ. އަދި އޭނާ މަގާމާއި ހަވާލުވިފަހުން އެ ޓީމަށް ވަނީ ކުރިން އެ ޓީމުގެ ފަހަތް ބެލެހެއްޓި ޑެނީ އަލްވޭސް ގެނެސްފައެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. ޒަވީގެ އެންމެ ފުރަތަމަ އަމާޒަކީ ތާވަލު މިހާރު އޮތް މަގާމުން ރަނގަޅު ހިސާބަކަށް ބާސެލޯނާ ގެންދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަަަހަ

    ޜާއްޖެގައިވެސް އެބަޖެހޭ ތިފަދަ އުސޫލެއްއެކުލަވާލަން ، ހަމައެކަނި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭމުވައްޒަފުންނަށް އެކަނި ޤަވައިދަށް ޢަމަލުކުރުވިޔަސް ނުވާނެ ، ދަޢުލަތުން ޚަރަދުކޮށްގެން ގެންގުޅޭ ކުޅުންތެރިންނަށް ޖެހޭ ޚަރުދަނާ ޤަވައިދެއްހަދަން ،

    13
  2. އަބުޅޯ

    މިއީ ހަރުކަށި އުސޫލެއްނޫން. މިއީ ހަރުދަނާ އުސޫލު.

    13