އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ހުއްޓުވަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ސްވިޑެންގެ ކެޕްޓަން އަންދްރޭސް ގްރަންކްވިސްޓް ބުނެފިއެވެ.

ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ އިންގްލޭންޑާއި ސްވިޑެން ބައްދަލުކުރާއިރު، މި މުބާރާތުގައި ކޭން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ކޭން ހަ ގޯލު ކާމިޔާބުކޮށްފައިވާއިރު، މި މުބާރާތުގެ އެންމެ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ "ރަން ބޫޓު" މިފަހަރު ހޯދުން ކައިރީ ވެސް ކޭންއެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސްވިޑެންގެ ޑިފެންޑަރު ގްރަންކްވިސްޓް ބުނީ ސްވިޑެން އެކޭ އެއްގޮތަށް އިންގްލޭންޑް ވެސް އެންމެ ވަރުގަދައީ "ސެޓްޕީސް" ތަކަށް ކަމަށާއި ވަކިން ހާއްސަކޮށް ކޭން ކަހަލަ ކުޅުންތެރިއަކު ޕެނަލްޓީއޭރިއާ ތެރޭގައި ހުންނައިރު އޭނާ އަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ.

އަދި ކޭން އަކީ ހަމައެކަނި ޕެނަލްޓީ ޖެހުމަށް މޮޅު ކުޅުންތެރިއެއް ނޫން ކަމަށާއި ފޯވާޑަކަށް ބަލާއިރު އޭނާ އަކީ ހުރިހާ ކަމަކަށްވެސް ބަރާބަރު ކުޅުންތެރިއެއް ކަމަށްވެސް ގްރަންކްވިސްޓް ބުންޏެވެ.

"ކޭންއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް. އޭނާ ހުއްޓުވުމަށް އަހަރުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން" ގްރަންކްވިސްޓް ބުންޏެވެ.

މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސްވިޑެންގެ ކޯޗު ޖޭން އެންޑަސަން ބުނީ އިންގްލޭންޑް ބަލިކުރެވޭނީ ވަރަށް ގިނަ ކަންތައްތައް ރަނގަޅުކޮށްގެން ކަމަށާއި އެޓީމާއި ދެކޮޅަށް ކުޅޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށެވެ.

"އިންގްލޭންޑް ކަހަލަ ޓީމެއް ބަލިކުރެވޭނީ ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްގެން. އެގޮތުން ޑިފެންސް ވަރަށް ރަނގަޅަށް ކުރަންޖެހޭ. ބޯޅަ ލިބޭ ވަގުތުތަކުގައި ވަރަށް ކެރިގެން ކަންތައްތައް ކުރަންޖެހޭނެ. އަދި އެޓޭކަށް ދާއިރު ކަންތައްތައް ކުރާނެ ގޮތުގެ ރަނގަޅު ޕްލޭނެއް ވެސް އަހަރުމެންގެ އެބައޮތް. މި ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ އަށް ކުރަން އަހަރުމެން މިރޭ ބޭނުންވަނީ" އޭނާ ބުންޏެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް ސްވިޑެން ދަތުރުކުރީ ސްވިޒަލޭންޑްގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ. އަދި އިންގްލޭންޑް ކުއާޓާ އަށް ދަތުރުކުރީ ޕެނަލްޓީގައި ކޮލަމްބިޔާގެ މައްޗަށް 3-4 އިން ކުރި ހޯދައިގެންނެވެ.

އިންގްލޭންޑާއި ސްވިޑެން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 7 ޖަހާއިރުއެވެ.