ޔުވެންޓަސްގެ ކުރީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 40 އަހަރުގެ ބުފޮން ޕީއެސްޖީ އަށް ބަދަލުވީ ފްރީ ޓްރާންސްފާއެއްގެ ދަށުން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޕީއެސްޖީ އަށް ބަދަލުވުމަށްފަހު ބުފޮން ބުނީ ޕީއެސްޖީގެ ސަޕޯޓަރުންގެ ހުވަފެންތައް އޭނާ އަށް ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި އޭނާ އަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކްލަބުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހާސިލުކޮށްދިނުމުގައި އެހީތެރިވާނެ ކަމަށެވެ.

"އަހަރެންގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމެއްގެ ކްލަބަކަށް މި ބަދަލުވީ. މި ނިންމުން މި ނިންމީ ޕީއެސްޖީގައި އޮތް ޕްރޮޖެކްޓުގެ ސަބަބުން" އިޓަލީ އަށް އުފަން ބުފޮން ބުންޏެވެ.

ބުފޮން އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ އަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

2001 ވަނަ އަހަރު ޕާމާ އިން ޔުވެންޓަސްއާ ގުޅުނު ބުފޮން ވަނީ އެ ކްލަބަށް 656 މެޗު ކުޅެދީ 20 ތަށި އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ނުވަ އިޓާލިއަން ލީގު ތަށްޓާއި ހަތަރު އިޓާލިއަން ކަޕް ތަށި ހިމެނެއެވެ.

ޔުވެންޓަސްއާއެކު ހޭދަކުރި މުއްދަތުގައި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެ ފަހަރެއްގެ މަތިން ބުފޮން ކުޅުނު ނަމަވެސް އެ ތަށި ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.