ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ސާބިއާ އިން ޕޯޗުގަލް ބަލިކޮށް ވޯލްޑްކަޕަށް ކޮލިފައިވިއިރު، ޕޯޗުގަލް އިން މުބާރާތުގެ ޕްލޭއޮފް ބުރުގައި ވާދަކުރަން ޖެހިއްޖެއެވެ.

އަމިއްލަ ގައުމުގައި ޕޯޗުގަލް ކުޅުނު މި މެޗުން އެ ޓީމު ބަލިވީ ސާބިއާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ޕޯޗުގަލްއަށް ވޯލްޑްކަޕުގެ ޖާގައެއް ލިބެން އޮތެވެ. ނަމަވެސް އެ ޓީމަށް ކުރިމަތިވީ ބަދުނަސީބެވެ.

މި މޮޅާއެކު ސާބިއާ ވޯލްޑްކަޕުގެ ޖާގައެއް ކަށަވަރުކުރީ ކޮލިފައިންގެ ގްރޫޕް އޭގައި ކޮންމެ ޓީމެއްވެސް މިހާތަނަށް އަށް މެޗު ކުޅުނުއިރު، ސާބިއާ އެއްވަނައިގައި އޮތީ ލިބުނު 20 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޕޯޗުގަލް އޮތީ 17 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ނުވަ ޕޮއިންޓާއެކު އަޔަލޭންޑް އޮތްއިރު ހަތަރުވަނައިގައި ލަގްޒަމްބާގް އަދި ފަސްވަނައިގައި އަޒެރްބައިޖާން އެވެ.

ވޯލްޑްކަޕަށް ކޮލިފައިވި ލަނޑު ޖެހުމަށްފަހު ސާބިއާ އިން އުފާފާޅުކުރަނީ

ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު މި މެޗު ފަށައިގެން ވަރަށް ކުރީކޮޅު ޕޯޗުގަލް ވަނީ ލީޑު ނަގާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި ބެނާޑޯ ިްސިލްވާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރެނާޓޯ ސަންޗޭޒް އެވެ.

އޭގެފަހުން ދެން ފެނުނީ ސާބިއާ އިން މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ޕޯޗުގަލްއަށް ނުރައްކާކުރި ތަނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޑޫސާން ޓަޑިޗް ވަނީ ސާބިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެފަހުންވެސް ސާބިއާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

ސާބިއާއިން ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު ސާބިއާއަށް ވަނީ ވޯލްޑްކަޕުގެ ޖާގައެއް ލިބިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވިޗް އެވެ. މިއީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ބޮލުން ޖެހި ބޯޅައަކުން ގޯލަށް ވަން ބޯޅައެކެވެ.