ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕުން ޖާގައެއް ވަރުގަދަ ސްޕެއިން އާއި ކްރޮއޭޝިއާއިން ކަށަވަރުކޮށްފިއެވެ.
އެންމެ ފަހުން ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ ރަޝިޔާ 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ސްޕެއިން ދަތުރުކުރީ ސްވިޑަންގެ މައްޗަށް 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ސްޕެއިންއަށް ވޯލްޑްކަޕުގެ ޖާގައެއް ކަށަވަރުވި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ.
މި މެޗުގައި ގިނަބައެއްގެ ކަޅި ހުއްޓުނީ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ އުމުރުން 17 އަހަރުގެ ގަވީ އަށެވެ. އޭނާގެ ތަފާތު މޮޅު ކުޅުން ގިނަބަޔަކު ވަނީ މި މެޗުގައި ފާހަގަކޮށްފައެވެ. މީގެތެރޭގައި ސްޕެއިންގެ ކޯޗުވެސް ފާހަގަކޮށްލެވެއެވެ. އަދި މިއީ ސްޕެއިންގެ މުސްތަގްުބަލް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ސްޕެއިންގެ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މޮރާޓާ ކާމިޔާބުކޮށްފައިވަނީ އޭރިއާ ބޭރުން ސްޕެއިންގެ ޑެނީ އޮލްމޯ ޖެހި ބޯޅައެއް ސްވިޑަން ކީޕަރު ރޮބިން އޮލްސަން އަށް ރަނގަޅަށް މަތަނުވެ އެނބުރި ކުުޅުމުގެ ތެރެއަށް ދިޔަވަގުުތު އެ ބޯޅައިންނެވެ.
މި ނަތީޖާއާއެކު ސްޕެއިން ވޯލްޑްކަޕުގެ ޖާގައެއް ހޯދީ ގްރޫޕް ބީގެ އެއްވަނައިގައި ކުޅުނު އަށް މެޗުން ލިބުނު 19 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ސްވިޑަން އޮތީ 15 ޕޮއިންޓާއެކު އެވެ. ސްވިޑަން ޖެހޭނީ ޕްލޭއޮފް ބުރުގައި ވާދަކުރާށެވެ.
ރަޝިއާ އަތުން ކްރޮއޭޝިއާ މޮޅުވި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ކްރޮއޭޝިއާ އިން ނެގި ހުރަހެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ރަޝިޔާގެ ފަހަތުން ފެޑޯ ކުދްރަޝޯޕް ބައިކޮޅަށް ޖެހި ލަނޑެކެވެ.
މި މޮޅާއެކު ކްރޮއޭޝިއާ ވޯލްޑްކަޕަށް ދިޔައީ ގްރޫޕް އެޗްގެ އެއް ވަަނަ ކްރޮއޭޝިއާ ދިޔައީ 10 މެޗުން 23 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތީ ރަޝިޔާއެވެ. ރަޝިއާ އަށް ވަނީ 10 މެޗުން 22 ޕޮއިންޓް ލިބިފައެވެ.