ރާއްޖޭގައި ނިމިިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމެއް މި މުބާރާތުގައި އަދި ނުފެންނަ ކަމަށާއި އަދިވެސް އުއްމީދު ގެއްލުވާނުލާ ކަމަށް ކެޕްޓަން އަކްރަމް އަބްދުލްޢަނީ (އަކޫ) ބުނެފިއެވެ.

ހަތަރު ގައުމު ވާދަކުރާ މަހިންދަ ރާޖަޕަކްސަ މުބާރާތުގެ ފައިނަލަށް ދިއުމަށް ރާއްޖެއަށް ދެން އޮތީ މަޖުބޫރީ ހާލަތެކެވެ. އެއީ ފަހު މެޗުގައި ސީޝެލްސް ބަލިކޮށްގެންނެވެ. ނަަމަވެސް އޭގެކުރިން ބަންގްލަދޭޝް އާއި ލަންކާ މެޗުން ފެނުނު ކުޅުމާއި މެދު ގިނަ ބަޔަކު ދިޔައީ މި ތަށި ލިބިދާނެތޯ ސުވާލު އުފައްދަމުންނެވެ.

ސީޝެލްސް މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކެޕްޓަން އަކްރަމް ވަނީ މި މުބާރާތުގައި ޓީމުގެ ފަރާތުން އަދި މާ އެދެވޭ ކުޅުމެއް ނުފެންނަ ކަމަށާއި ނަމަވެސް އަދިވެސް އުއްމީދު ގެއްލުވާނުލާ ކަމަށެވެ. އަދި ސީޝެލްސް މެޗަކީ އުނދަގޫ މެޗަކަށްވާނެ ކަމަށްވެސް އަކްރަމް ބުންޏެވެ.

"ޓީމު މި އޮތް އަޑިގަނޑުން އަރައިގަތުމަށް މާދަމާގެ މެޗުން މޮޅުވުން ގޮތެއް ނެތް، ފާއިތުވި ދެ މެޗުން ފެނުނު ކުޅުމުން އަދި މިކަން ކުރެވޭކަށް ނެތް، ކުޅުންތެރިންގެ ވިސްނުން ބަދަލުވާން ޖެހޭ، މަސައްކަތް ބަދަލުވާން ޖެހޭ، ދަނޑުމަތީގައި ކުރާ މަސައްކަތް ރަނގަޅުވާން ޖެހޭ، އެވަރަށް މަސައްކަތްކޮށްފިއްޔާ ނަތީޖާ ނެރެވޭނެ ދަނޑުމަތީގައި ކޮންމެ ކުޅުންތެރިއަކު އަރާ ހުއްޓަސް" އަކްރަމް ބުންޏެވެ.

އަކްރަމް ބުނީ ޓީމު މިހާރު މި ދަނީ އުނދަގޫ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށާއި މިއީ އާ ކޯޗާއެކު ކުޅުމަށް ކުދިކުދި ބަދަލުތަކެއް އައިސްގެން އުޅޭ ދަނޑިވަޅެއްކަމުން އެ އުނދަގޫ ޓީމުގެތެރެއިން ފެންނަނީ ކަމަށެވެ. އަަދިވެސް މި ތަށި ހޯދަން ބޭނުންވާ ކަމަށާއި ގޯސްތަކުން އަރައިގަނެ މަސައްކަތްކޮށް ސާފުން ލިބުނު ނާކާމިޔާބީ ހަނދާން ނައްތާލަން މި މުބާރާތް ކާމިޔާބުކުރަން ބޭނުންވާ ކަމަށްވެސް ބުންޏެވެ.

"ކަން ދިމާކުރި ގޮތުން މިއުޅެނީ ބޭނުންވާ ނަތީޖާވެސް ނުނެރެވިގެން، ބޭނުންވާ ބޯޅަވެސް ނުކުޅެވިގެން، މަސައްކަތްކުރަނީ ކަންތައްތައް ރަނގަޅުކުރަން، ޓީމުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް، އެއްވެސް ކުޅުންތެރިއަކު ދަނޑަކަށް ނާރާނެ ބަލިވާކަށް، އަދިވެސް މަސައްކަތްކުރަނީ ތަައްޓަށް"

މުބާރާތުގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ މެންދުރުފަހު 15:30 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Maahy

    އިންޝާﷲ ވާނެ!

    7
    1
  2. ބާނީ

    ކަލޭ ވެސް ހުރޭ އުމުރުހުސް ވަދެން ތިހެން......................!!

    4
    6
  3. އަޙްމަދު

    ގައުމީޓީމް ފަހަތުގަ ސިލީ މިސްޓޭކް މީ ހަމަ ޖައްސާފަ
    ނިއްމާލާފަ އޮތީ މާދަމާމެޗު ވެސްބަލާތި

  4. އައްޓަމަސް

    އުއްމީދު ގެއްލުވާނުލާތި ޗޮކުން ދިޔައަސް، އެއްޗަކީ އުއްމީދެއްނު ދޯ؟