ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގައި ރޭ އުރުގުއޭ ބަލިކޮށް ސެމީފައިނަލްގެ ޖާގައެއް ފްރާންސްއިން ހޯދި މެޗުގައި ގޯލު ޖެހުމަށް ފަހު ފްރާންސްގެ ފޯވާޑް ގްރިޒްމަން އުފާ ފާޅުނުކުރި ސަބަބު ހާމަކޮށްފިއެވެ.

އެގޮތުން މެޗަށްފަހު ވާހަކަ ދައްކަމުން އެންޓޮއިނޭ ގްރިޒްމަން ބުނީ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާފާޅު ނުކުރީ އޭނާއާއި އެއްކުލަބަކަށް ކުޅޭ ކުޅުންތެރިން އުރުގުއޭގައި ތިބުމުންކަމަށެވެ.

އެގޮތުން އުރުގުއޭގެ ކެޕްޓަން ޑިއޭގޯ ގޯޑިން އާއި ޖޯސް ޖިމެނޭޒް އަކީ ގްރިޒްމަންއާއި އެކު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ.

" އިދިކޮޅު ޓީމުގައި އެބަތިބި އަހަރެން ވަރަށް އިހްތިރާމްކުރާ އެކުވެރިން. އެހެންވެ އަހަރެން ގޯލު ޖެހުމަށްފަހު އުފާ ފާޅު ނުކުރީ " ގްރިޒްމަން ބުނެފައިވެއެވެ.

އަދި އުރުގުއޭ ޓީމަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި އެއީ އުރުގުއޭއަކީވެސް އެތްލެޓިކޯ މެޑްރިޑް ގޮތަށް ޑިފެންްޑްކުރަން ވަރަށް މޮޅަށް އެނގޭ ގައުމެއް ކަމުން ކަމަށް ގްރިޒްމަން ބުނެފައިވެއެވެ.

ރޭގެ މެޗުގައި ގްރިޒްމަން ގޯލު ޖަހާފައިވަނީ މެޗުގެ 61 މިނެޓްގައި އުރުގުއޭގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ގްރިޒްމަން އަކީ ޒަމާނުއްސުރެއް އުރުގުއޭގެ އާދަކާދައަށް ލޯބިކުރާ ކުޅުންތެރިއެވެ. އެގޮތުން އެތްލެޓިކޯ މެޑްރިޑް އަދި އުރުގުއޭގެ ކެޕްޓަން ގޯޑިން އާއި އެކު ގްރިޒްމަން ވަރަށް ގިނައިން އުރުގުއޭގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަން ކުރާ ކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދި މެޗުގެ ކުރިން ގްރިޒްމަން ވަނީ އޭނާގެ ދެވަނަ ގައުމަކީ އުރުގުއޭ ކަމަށް ބުނެފައެވެ.