މެންޗެސްޓާރ ޔުނައިޓެޑު އަދި ބެލްޖިއަމްގެ މެދުތެރެއަށް ކުޅެމުން އަންނަ މެރޮއަން ފެލައިނީ ފާއިތުވި ދެ ވޯލްޑް ކަޕު މެޗުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް މެންޗެސްޓާރ ޔުނައިޓެޑުން ވަނީ ކޮންޓްރެކްޓު އާ ކޮށްފައެވެ.

ހަމަ އެހެންމެ މެރޮއަން ފެލައިނީ ދައްކާ މޮޅު ކުޅުން ގިނަ ބަޔަކު ބަލައިނުގަންނަ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާރޓީނޭޒް އޭނާއަށް ތައުރީފު ކުރަމުން ބުންޏެވެ. ފެލައިނީ ޔުނައިޓެޑާއި އެކު ހެދި އެއްބަސްވުން ދިގު ކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.

ފެލައިނީއަށް ގިނަ ބައެއްގެ ފާޑު ކިރޔުން އަމާޒު ވެގެން ދާއިރު ރޮބާޓޯ މާރޓީނޭޒް ބުނެފައި ވަނީ 30 އަހަރުގެ ފެލައިނީ އަކީ ކޮންމެ ކޯޗެއްވެސް އެކޯޗެއްގެ ޓީމުގައި ހިމަނަން ބޭނުންވާ ކަހަލަ ކުޅުންތެރިއެއް ކަމަށެވެ. ބްރެޒިލް ބަލިކޮށް މުބާރާތުގެ ސެމީ އާއި ހަމައަށް ދަތުރު ކޮށްފައިވާއިރު އެންމެ ފަހުން ޖަޕާނާއި ކުޅުނު މެޗުގައި ފެލައިނީގެ ލަނޑު ވަރަށް މުހިންމު ވެގެން ދިޔައެވެ.

"އަހަންނަށް ހީވަނީ ފެލައިނީ އަކީ މަސައްކަތް ކޮށްގެން މިހާ ހިސާބަށް އައިސްފައިވާ ކުޅުންތެރިއެއްހެން، އޭނާ މެޗަށް ގެންނަ ބަދަލު ބަލައި ތައުރީފު ކުރަން ޖެހޭ. މީގެ އިތުރުން އޭނާގެ ޓެކްޓިކަލް ކަންތަކަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުން، އާންމުކޮށް ކުޅުންތެރިންނަށް ވުރެ ފެލައިނީގެ ޓެކްޓިކަލް އަދި ބޯޅަ ކޮންޓްރޯލް ކުރުމުގެ ހުނަރު ބޮޑު" "ގޯލް" އަށް މައުލޫމާތު ދެމުން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާރޓީނޭޒް ބުންޏެވެ.

ފެލައިނީ މެންޗެސްޓާރ ޔުނައިޓެޑާއި ގުޅިފައިވަނީ ސާރ އެލެކްސް ފާގަސަން ޔުނައިޓެޑު ދޫކޮށްލި އަހަރުގައެވެ، ޑޭވިޑް މޯއިސްގެ ފެވަރިޓެއްގެ ކަމުގައިވި ފެލައިނީ އަކީ މޮރީނިއޯ ވެސް ގިނަ މެޗު ތަކުގައި ބޭނުން ކުރަމުން އަންނަ ކުޅުންތެރިއެކެވެ.